ފަލަސްޠީނުގެ ކަންކަމަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

އަލީ އަޒްލީފް
24 Sep 2024
ހަބަރު

ފަލަސްޠީނުގެ ކަންކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަންދެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި އެންމެހާ ދިވެހި ރައްޔިތުން ފަލަސްޠީނު ރައްޔިތުންނާއި ފަލަސްޠީނުގެ މައްސަލައަށް ތާއީދުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައެވެ. އެގޮތުން މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިޔަށްއޮތްތަނުގައިވެސް ފަލަސްޠީނު ރައްޔިތުންގެ މައްސަލައިގައި ދިވެހިރާއްޖެއިން ތާއީދު އޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރެއެވެ. ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެމެހެއްޓެނިވި އަސާސަކަށްވެފައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންސާފާއި އިންސާނީ ޙައްޤުތަކަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. މިއަހަރު ކުރީކޮޅު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރކުރި ގަރާރަކުން، ފަލަސްޠީނު ދައުލަތަކީ އދ.ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރުމަށް ވަނީ ހުށައަޅާފައެވެ. މި ގަރާރު ވަނީ އދ.ގެ އާންމު މަޖިލީހުން ބަލައިގަތުމަށް ނިންމާފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނަށް އިޒްރޭލުގެ ސިޔާސަތުތަކުގެ ގާނޫނީ ނަތީޖާތަކާބެހޭ ގޮތުން ލިޔުމުން ބަޔާން ދީ، މި މައްސަލާގައި އަނގަބަހުން ހުށަހެޅި ކަންކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި 12 ޖޫން 2024 ގައި ފަލަސްޠީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ހޯދި 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މިހާރު ވަނީ ޔޫ.އެން.އާރ.ޑަބްލިއު.އޭ. އާއި ޙަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު