ވޯލްޑް ކަޕްގެ ތާރީޚީ ފުރަތަމަ ޕޮއިންޓް ގަތަރުން ހޯދައިފި
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ވަރުގަދަ ސުވިޒަލޭންޑާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި ގަތަރުން ފުރަތަމަ ފަހަރަށް ޕޮއިންޓެއް ކާމިޔާބުކޮށްފިއެވެ.
މުޅި މެޗުހެން ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ސުވިޒަލޭންޑުންނެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެދެވޭ ގޮތެއްގައި ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ ފަހު ވަގުތާ ހަމައަށް ވެސް ގަތަރަށް މެޗުގެ ތެރެއަށް އެނބުރި އައުމުގެ އުއްމީދު އޮތުމެވެ. ސުވިޒަލޭންޑުން މެޗުން މޮޅުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، މެޗުގެ ނަތީޖާ ބަދަލުވީ އިތުރު ވަގުތުގެ ތެރޭގައެވެ.
މެޗުގެ ފަހު މިނެޓުގައި ގަތަރުގެ ކެޕްޓަން ބުއާލަމް ޚޫޚީ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑާއެކު ގަތަރުގެ ސަޕޯޓަރުންގެ މެދުގައި ބޮޑު އުފާވެރިކަމެއް ފެތުރިގެން ދިޔައިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ގަތަރުގެ ފުޓްބޯޅަ ހޯދި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގެ ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މޮޅުވާން ލިބުނު ފުރުސަތު ގެއްލުމުން ސުވިޒަލޭންޑަށް ބޮޑު މާޔޫސްކަމެއް ލިބުނު ނަމަވެސް، މެޗުގެ ފަހު ވަގުތާ ހަމައަށް ދެއްކި ހިތްވަރާއެކު ގަތަރަށް ވަނީ ކުރިއަށް އޮތް ކެނެޑާ މެޗަށް ނުކުންނައިރު ބޮޑު އިތުބާރެއް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް