ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް ގޮވާލައްވައި، ދިވެހިރާއްޖެއާއެކު ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވާހަކަފުޅު ދައްކަވައި، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވާފައި މިވަނީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަޤުރީރުކުރައްވަމުންނެވެ.

އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޖަޒީރާ ޤައުމެއްގެ ޤައުމީ ސަލާމަތަށްޓަކައި، ހަރުދަނާ ސަޕްލައި ޗެއިނެއް އޮތުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކޯލްޑް ޗެއިން ލޮޖިސްޓިކްސްއާއި، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތަކާއި، ޒަމާނީ ފެންވަރުގައި ކާބޯތަކެތި ޕްރޮސެސްކުރުމުގެ އިތުރުން މޫސުމާ ރައްޓެހި ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގައި ވުނަކުރުމަށް އެމަނިކުފާނު ދަޢުވަތު ދެއްވިއެވެ.

ކަނޑުމަގުން ގުޅިފައި އޮންނަ ގުޅުމަކީ އިޤްތިޞާދުގެ މައި ނާރެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސީދާ މިފަދަ ރާސްތާތަކުން ގުޅާލުމަށް ގޮވާލައްވާފައެވެ. އަދި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒުހިފާފައިވާކަންވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.

މުޅި ރާއްޖޭގައި ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ބޭނުންޖެހިފައިވާކަން ފާހަގަކުރައްވައި، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ސާމާނަށް އޮތް ޑިމާންޑް ފުއްދުމަށްޓަކައި، ޕާކިސްތާނުގެ ފާހަގަކޮށްލެވޭ ބޭސް އުފައްދާ ކުންފުނިތަކާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި، ބިން ހިއްކުމާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއެކު ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގ ކުންފުނިތަކަށް މި ތަރައްޤީގެ ބައިވެރިންނަށް ވުމަށް ދަޢުވަތު ދެއްވާފައެވެ. އެގޮތުން، އެފަރާތްތަކުގެ ތަޖުރިބާއާއި، ޓެކްނޮލޮޖީއާއި، އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ހަމައެއާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގައި ވުނަކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ފައިނޭންސާއި، ޙަލާލް އުފެއްދުންތަކާއި، ޙަލާލް ފަތުރުވެރިކަމަށް އޮތް ޑިމާންޑާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ޝަރީޢާ ކޮމްޕްލަޔަންޓް ފައިނޭންސިންގ އާއި، ސުކޫކް ދޫކުރުމާއި، ޙަލާލް ވެލިއު ޗެއިންތަކުގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް، ޕާކިސްތާނުގެ މާލީ އިދާރާތަކަށާއި ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ ހަމައެކަނި މުދާ އެކްސްޕޯޓްކުރާ މަންޒިލެއްގެ ގޮތުގައި ނުދެކި، ބައިނަލްއަޤްވާމީ ބޮޑެތި މާކެޓްތަކަށް އުފެއްދުންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަންސައެއްގެ ގޮތުގައި ދެކުމަށް އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންވެސްޓަރުންނަށް ފަހި، ވިޔަފާރިއާ ރައްޓެހި ރެގިއުލޭޓަރީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

މި ފޯރަމްގައި ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވަނީ، މި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދެޤައުމުގެ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ރައީސް މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ރަސްމީ ބަޔާނުގައެވެ. ބޮޑުވަޒީރަށް ދަޢުވަތު އަރުވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނުން ދެއްވި ހޫނު މެހެމާންދާރީގެ ބަދަލުގައި، ރާއްޖެއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ އުފާ ހޯއްދެވުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ޚަބަރު 21 Oct 2026