މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީހުގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިދިކޮޅު ފަރާތްތަކުން މިޤައުމުގެ ސަރުކާރު ހިންގިއިރު ޤައުމުގެ އިގުތިސާދު އޮތީ ވަރަށްބޮޑު އަނދަވަޅަކަށް ވައްޓާލާފައިކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތައް، މިއަދު މިގެންދަނީ ދައްކާ ޚަލާސްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ ދޮޅު މަހެއްހާ ދުވަހުގެތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެތެރެއިން އެންމެބޮޑު އެއް ދަރައްޏަކީ ސުކޫކު ކަމަށާއި ސުކޫކުގެ ދަރަނި އަދާކުރުމަށް 524 މިލިއަން ޑޮލަރު ދެއްކިއިރު ޤައުމުގެ ހަރުމުދާތައްވެސް ރަހުނުކޮށްފައިހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދަރަނި ދައްކައި، އެތަންތަން ރަހުނުން ސަލާމަތްކޮށް، ރައްޔިތުންގެ އަތްމައްޗަށް އެތަންތަން އަނބުރާ ގެނެސްދެވިފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ! މިކުރެވޭ އިގުތިސާދީ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުންނަށް އަތްފޯރާފަށަށް، ރައްޔިތުންގެ މުދާ، ރައްޔިތުން ގަންނަން ބޭނުންވާ ތަކެތި ލިބޭނެގޮތް އިތުރަށް ފުޅާވެގެންދިއުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ ސަބަބުން ހަޤީޤަތް ބަދަލެއް ނުވާނެ ކަމަށާއި އެއީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ހަޤީޤަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެއްވެސް ޙާލެއްގައި ކުރާކަމެއްގެ ހަޤީޤަތް ބަޔަކު ދައްކާ ވާހަކައެއްގެ ސަބަބުން ބަދަލު ނުވާނެ ކަމަށާއި މިދިޔަ ސާޅީހަކަށް ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ދެއްކުމުގެ ބުރަ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ ޤައުމުގެ މުސްތަގުބަލަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ހަޤީޤަތް ބަދަލު ނުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް ކުރިން ޖައްސާފައި އޮތް ދަރަނި އެތައް ތަނަކުން ލުއިވެގެން ގޮސްފައިވާކަމަށާއި އަދި އަންނަންއޮތް ޖީލުތަކަށްޓަކައި މި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް އިރާދަކުރެއްވިއްޔާ ގެންދެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމުގެ އިގުތިސާދު ނަގައިކޮޅަށްޖެހުމަކީ ދިވެހީންގެ ރާއްޖެ ގެނައުމަށްޓަކައި ވީ ވަޢުދުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަންތައްކަން އެމަނިކުފާނު ހަނދުމަފުޅުކޮށްއެރުވިއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިގުތިސާދު ނަގައިކޮޅަށްޖެހުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ވަރަށް ބޮޑަށް ކާމިޔާބު ވަމުންދާކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތާބެހޭގުތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރުގައި ޚާރިޖީ ސިޔާސަތު އޮތީ ވަކިއަތަކަށް ބުރަވެ ހުސްވެފައިކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީ މޯލްޑިވްސް ފަރސްޓް ޚާރިޖީ ސިޔާސަތުގެ ގޮތުގައި ކަނޑައަޅައި، ތަންފީޒުކުރައްވަން ފެއްޓެވިކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނަށް މުހިންމީ ދިވެހި ރައްޔިތުން ކަމަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ފައިދާވާ، މަންފާލިބޭ، އަދި މި ޤައުމަށް ފައިދާވާގޮތް އެމަނިކުފާނު އިސްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ހަތުރެއް މިހާރު ނެތްކަމަށާއި ރާއްޖެއަކީ އެކުވެރިކަމާއެކީ ދުރާގާތުން ކުދިބޮޑެތި އެންމެހާ ޤައުމުތަކާއެކުގައި މަސައްކަތް ކުރަމުންދާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގެންފައިވާ، ބަސްވިކޭ، އަޑުއަހާނެ ބައިވެރިޔަކަށް ވެފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިގޮތުގައި ރާއްޖޭގެ ކަންކަން ބައްޓަންކުރުމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި ވަރަށް ފޮނިކޮށް ފެންނަމުންދާނެކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026