މެލޭޝިޔާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެއިން ތައްޔާރުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖެއިން ފަށައިފިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު މިރޭ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމަށް ހަމަޖެހިފައިވަނީ ޢިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަޙައްދުގައެވެ. މިގޮތުން ޢިއްޒުއްދީން ފާލަމާ ކުރިމަތިވާ ގޮތަށް ދިދަފަތި ދެމުމާއި، ޖުމްހޫރީ މައިދާން ސަރަޙައްދު ޒީނަތްތެރިކޮށް، ރަސްމީ އިއްޒަތުގައި މަރުޙަބާ ދެންނެވުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޢިއްޒު މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދަޢުވަތަކަށް ބޮޑުވަޒީރު އަންވަރު ކުރައްވާ ދަތުރުފުޅެކެވެ. މިއީ ނޮވެމްބަރު 2022 ގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން، ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ.
މީގެއިތުރުން، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، މުހިންމު އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް