ގޫގަލް އިމޭޖް
ގޫގަލް އިމޭޖް

ދިވެހި ފުޓްބޯޅައަށް ކުރެވޭ އިންވެސްޓްމަންޓް ބޮޑު – އުފެދޭ ކުޅުންތެރިން މަދުވެ، ޝައުޤާއި ފޯރިކުޑަވެ، ހޯދޭ ނަތީޖާވެސް ދަށް

ހ ހަޅަ
ކުޅިވަރު 13 Jul 2024

ކުޅިވަރެއްގެ ގޮތުން ފުޓްބޯޅައަކީ ޢިލްމާއި، ހުނަރާއި، ތަޖުރިބާއާއި، ލޯތްބާއި، އެކުވެރިކަމާއި، އުފަލާއި، ހިތާމަޔާއި އަދި ރިވެތި އަޚްލާޤުން ވަށާޖެހިފައިވާ އިޖުތިމާޢީ ވަރުގަދަ ބޮޅެކެވެ. ދިވެހިންނަކީ ފުޓްބޯޅައާއި ހެދި ދަންޖެހޭ ބައެކެވެ. އެންމެ ގިނަ ދިވެހިން ކުޅޭ އަދި ބަލާހިތްވާ ކުޅިވަރަކަށް ވާނީވެސް ފުޓްބޯޅަކަން ޔަޤީނެވެ. އަވަށްޓެރި ސިލޯނުން ދަރިވަރުވެގެން ދިވެހިން ފުޓްބޯޅަ ކުޅޭތާ މިހާރު 74 އަހަރު ވީއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަކީ ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (ޑައިމަންޑް ޖުބިލީ) އަހަރެވެ. ތާރީޚުން އެނގޭ ގޮތުގައި، ރާއްޖެއާއި ސްރީލަންކާގެ ފުޓްބޯޅައިގެ ގުޅުމުގެ ފެށުމަކީ 1950 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެންނެވި ސްރީލަންކާގެ ފުޓްބޯޅަ އިންސްޓްރަކްޓަރު މައިކަލް ޑި ސިލްވާ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މަރްޙޫމް މުޙައްމަދު އަމީންގެ ދައުވަތަކަށް ވަޑައިގެންނެވި ޑިސިލްވާ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފުޓްބޯޅައިގެ އަސާސީ ތަމްރީންތައް ދެއްވިއެވެ. ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ސެޝަންތައްވެސް ނަންގަވައިދެއްވިއެވެ. އެ ބިންގަލުގެ މައްޗަށް ދިވެހި ފުޓްބޯޅަ ކުރިލާ ހެދެމުންއައީ ވަރަށް ބާރަށެވެ. ނަތީޖާއެއްގެ ގޮތުން 2000 ގެ އަހަރުތައް ފެށުނު ހިސާބުން، ފުޓްބޯޅަ ރޭހުގައި ރާއްޖެއިން ސްރީލަންކާ ފަހާލިއެވެ. އަދި އާބާދީ ކުޑަނަމަވެސް ސަރަޙައްދުގެ ފުޓްބޯޅައިގެ ބާރަކަށް ވެއްޖެއެވެ. ސަރުކާރާއި، ކުލަބުތަކާއި، އަދި ރައްޔިތުން އެންމެ ބޮޑު ޝައުޤަކާއި، އަހުމިއްޔަތުކަމެއް ދޭ ކުޅިވަރަށް ފުޓްބޯޅަ ވެއްޖެއެވެ.

އިއްތިފާޤުން އާ ސާސްކަފް އަހަރު (2000 ވަނަ އަހަރު) ދިމާވީ ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް އަހަރަށެވެ. ދިވެހި ފުޓްބޯޅައަށް 50 އަހަރު ފުރުން ކުލަގަދަކޮށް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތް މިނަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފުޓްބޯލަ މުބާރާތެއް މާލޭގައި ބޭއްވިއެވެ. ދިވެހި ފުޓްބޯޅަ އާއިލާއިން އުއްމީދުކުރީ އެ މުބާރާތުގެ ތަށި ރާއްޖޭގެ ފަސްގަނޑުގައި ބެހެއްޓުމަށެވެ. އެހެންވެ، ވަރަށް ޖޯޝާއި ފޯރީގައި ދިވެހި ޤައުމީ ޓީމް އެ މުބާރާތާއި ކުރިމަތިލިއެވެ. މާލޭގެ ގަލޮޅު ރަސްމީ ދަނޑު އޮތީ ފުރި ބާރުވެފައެވެ. ފައިނަލް މެޗް ބަލަން ވަދެ ތިބި މީހުން އެހާވެސް ގިނައެވެ. މާލެތެރެއާއި، ދަނޑުތެރެ ގުމާލާފައިއޮތީ ސަޕޯޓަރުންގެ ތަރުހީބުގެ އަޑުންނެވެ. ނަމަވެސް އެ ތާރީޚީ މުބާރާތް ނިމިގެންދިޔައީ ދިވެހިންގެ ލޮލުން ކަރުނަ ފާއްދާލައިފައެވެ. ދިވެހިން ހިތްދަތިކޮށްލައި، ރޮއްވާލާފައި ފައިނަލް މެޗް ކާމިޔާބުކުރީ ސްރީލަންކާގެ ޤައުމީ ޓީމެވެ.

ޤައުމީ ފުޓްބޯޅަ ޓީމުން ކާމިޔާބާއި، ނާކާމިޔާބުގެ ރަހަ ތަޖުރިބާކުރަމުން، ފަސް ބެލުމެއްނެތި ކުރިއަށް އައެވެ. ދިވެހިން އަބަދުވެސް ދެކެމުންއައި ބޮޑު ހުވަފެނެއް އޮތެވެ. އެއީ ސަރަޙައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. މި މަޤްޞަދުގައި މިއީ އަހަރެމެންގެ ފަހަރޭ ބުނެ އައު ހިތްވަރަކާއެކު 2008 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ސާފު ޗެމްޕިއަންޝިޕް މުބާރާތުގައި ޤައުމީ ފުޓްބޯޅަ ޓީމް ވާދަކުރިއެވެ. އެ މުބާރާތުގައި ޤައުމީ ޓީމުން ހޯދަމުންއައި ކާމިޔާބުގެ ނަތީޖާއަކީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމެވެ. ފޯރިގަދަ ފައިނަލް މެޗްގެ ފަހުހާފުގައި ދިވެހި ޓީމުގެ ހުނަރުވެރި ފޯވަޑް މުޚްތާރު އާދަމް (ޓޫކިލޯ) ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގަދަފަދަ އިންޑިއާގެ ގޯލް ފޫއަޅުވާލިއެވެ. ޤައުމީ ޖޯޝާއި، ފޯރީގައި ކުޅެ 1 ލަނޑު 0 ލަނޑުން އިންޑިއާ ބަލިކުރިއެވެ. އެ މުބާރާތުގެ ފަޚްރުވެރި ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ދިވެހި ދަރީން ހޯދާ، ޓްރޮފީއާއި، ރަން މެޑަލް ޙާޞިލްކޮށް، ތާރީޚް ބަދަލުކޮށްލިއެވެ. ސާބަހޭ ސާބަހޭ ޤައުމީ ޓީމަށް ސާބަހޭ ކިޔަމުން ދިވެހިން ވެރިރަށް މާލޭގެ މަގުތައް ފުރާލިއެވެ. ހުރިހާ ދިވެހިންގެ ލޯތަކުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ މުބާރާތްވެސް ރާއްޖޭގެ ޤައުމީ ޓީމުން ކާމިޔާބޮށް ރަން މެޑަލް ޙާޞިލްކުރިއެވެ. އެއީވެސް ޤައުމު ހެއްވާލި ދުވަހެކެވެ.

ގޫގަލް
ގޫގަލް އިމޭޖް

އެއީ އެދުވަހުގެ ވާހަކައެވެ. މިއަދަށް ވިސްނާލަމާ ހިނގާށެވެ. ދިވެހި ފުޓްބޯޅައަށް ބޮޑު ބަދަލެއް އަތުވެޖެހެން ހީވޭތޯ ކޮންމެ މީހަކުކުރެން އަހާލިއަސް ދޭނީ ހަމަ އެއް ޖަވާބެވެ. ބުނާނީ އާއެކެވެ. ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. މި ބަދަލު ބޮޑަށް ފާހަގަވާން ފެށީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ފުޓްސަލް ކުޅުން އާންމުވެ، ޒުވާނުން އެކުޅިވަރަށް ގޮސް ހުސްވީމައޭ ދެންނެވިދާނެއެވެ. އެހެންނަމަވެސް ކުރިއާއި އަޅާބަލާއިރު ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރެވޭ އިންވެސްޓްމަންޓް ބޮޑުވެއްޖެވެ. ޤައުމީ ފުޓްބޯޅަ ޓީމްތަކުގެ ކުޅުންތެރިންނަށް މުސާދީގެން، ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތް ދީގެންވެސް ސަރަޙައްދީ މުބާރާތްތަކުން އެދެވޭ ކާމިޔާބެއް ނުލިބި ހުސްއަތާ ކިތައް މުބާރާތް ނިންމާލަން ޖެހިއްޖެތޯއެވެ. މާލެއާއި، އަތޮޅު ތެރޭގައި ކުރިން ހިރަފުހާއެކު ތަތްތެޅިގެން، ހަނަފަސް އަޑިގުޑަން ދަނޑުތަކުގައި ކުޅުނުނަސް މިއަދުގެ ޙާލަތު ވަރަށް ތަފާތެވެ. ޓާފް އަޅައި، ލައިޓް ޖަހާފައި އޮންނަ ފުޓްބޯޅަ ދަނޑެއް ނޫނީ ފުޓްސަލް ދަނޑެއް ނެތް ރަށެއް މަދުވާނެއެވެ. ބޮޑެތި ޢަދަދުތަކުން ފައިސާގެ އިނާމު ދޭގޮތަށް ކުޅޭ ފުޓްސަލް މުބާރާތްތަކުގެ ޢަދަދު ދަންނަވަން ނޭގޭހާ ގިނައެވެ. ނަމަވެސް މިލިއަން މިލިއަނުން ޚަރަދުކޮށްގެން ތަރައްޤީކުރި ފުޓްބޯޅަ ދަނޑުތައް އެއޮންނަނީ ވަންނާނެ ބުޅަލެއް ކާޅެއް ނެތި ފަޅުކޮންނެވެ. ފުރަ މާލޭގެ ޙާލަތުވެސް ހަމަ މިފަދައެވެ. ދެހާހުގެ ކުރީގެ އަހަރުތަކާއި ޖެހެންދެއް މާލޭގެ ރަސްމީ ދަނޑު (ގަލޮޅު ފުޓްބޯޅަ ދަނޑު) ގެ ކައިރިން މަޖީދީ މަގުން ހިނގާލާއިރު، ކަންފަތް ހީވާނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ފުރަތަމަ ޑިވިޜަންގެ ޓީމްތައް ކުޅޭ ތަން ބަލަން ދަނޑަށް ވަދެ ތިބޭ ސަޕޯޓަރުން ނަގާ ފޯރިއާއި ލަވާ ހަޅޭކުގެ އަޑުންނެވެ. ވަރުގަދަ ޓީމްތައް ކުޅޭ ބައެއް ދުވަސްދުވަހު ގޮނޑިބަރީގެ ޓިކެޓް ހުސްވެއެވެ. އެހެންނަމަވެސް މިހާރު ކިތައްމެ ވަރުގަދަ މެޗެއް ކުޅުނަސް ކުޅިބަލަން ދޮޅަހަކަށް މީހުންވެސް ނުވަންނަ ދުވަސްތައް ގިނަވާނެއެވެ.

ހައިރާންކަމާއެކު ކޮންމެ މީހަކުވެސް ކޮށްލާ ސުވާލަކީ ދިވެހި ފުޓްބޯޅައަށް މިވީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ހިމަނަންޖެހޭ ޙަޤީޤީ މުހިންމު ވާހަކަތަކެއް ކުރިން ދެންނެވިއްޖެއެވެ. އެއް ސަބަބަކީ ފުޓްސަލްގެ ފޯރި ގަދަވެ އެކުޅިވަރަށް ޒުވާނުން ހިތް ދިއުމެވެ. އަނެއް ސަބަބަކީ ރާއްޖޭގެ ބޭރުގެ މަޝްހޫރު ލީގްތައް ކަމުގައިވާ، އިނގިރޭސި ޕްރިމިއާ ލީގާއި، އިޓަލީގެ ސެރިއްއާއި، ސްޕޭންގެ ލަލީގާއާއި، ޖަރުމަންވިލާތުގެ ބޮޑަސް ލީގްތަކުގެ މެޗްތައް ވަގުތުން ފެންނާތީއެވެ. ގޭގެ ސިޓިންގ ރޫމްގައި ތިބެގެން ބަލައިލުމުގެ އިތުރަށް، އަމިއްލަ އަތުގައި އޮންނަ ސްމާޓް ފޯނުންވެސް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލައިލެވޭތީއެވެ. ތިން ވަނަ ސަބަބެއް ކަމުގައި ފާހަގަވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ޤައުމީ ޕްލޭނެއް އެކަށައަޅައި ތަންފީޛު ނުކުރެވުމެވެ. މިގޮތުން ޒުވާނުންނަށް ތަމްރީން ދިނުމުގެ މަސައްކަތްވެސް ހަރުދަނާ ގޮތެއްގައި ކުރިއަށް ނުގެންދެވުމެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތެރެއަށް ސިޔާސީ ނުފޫޛު ވަނުމެވެ. އެއިދާރާގެ ހިންގުން ދޯދިޔާވެ، ކޮރަޕްޝަންގެ މައްސަލަތައްވެސް ފެންމަތިވެ އެތަން ގަޑުބަޑުވެފައިވާތީއެވެ.

ގޫގަލް
ގޫގަލް އިމޭޖް

ކަންތައް މިހިސާބަށް ދިއުމުން ފުޓްބޯޅައަށް ޝައުޤުވެރިވާ މީހުން ހިމޭނުން ތިބެގެން ފަރަކުނުޖެހޭނެއެވެ. ފުޓްބޯޅަ އާޢިލާއާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންމިވަނީ މަޖުބޫރުވެފައެވެ. އިޚްލާޞްތެރި ނިޔަތެއް އޮވެގެން، ޒިންމާދާރުކަމާއެކު ސަރުކާރާއި، ފުޓްބޯޅަ އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އެންމެން އެކުގައި މަސައްކަތް ކުރަންޖެހިއްޖެއެވެ. އެއްކަމަށްވުރެވެސް ބޮޑަށް އިޖުތިމާޢީ ރޫޚް ދިރުވާ އާލާކުރަން މަސައްކަތް ކުރުން މާ މުހިންމެވެ. އެހެންނޫނީ ދިވެހިން އެންމެ ބޮޑަށް ލޯބިވާ، ރައްޔިތުން އެއްބައިވަންތަ ކުރުވާ ފުޓްބޯޅަ ހީނަރުވަމުންގޮސް މިވާހަކަ ދައްކާލާނެ މީހަކުވެސް ނުހުންނަ ހިސާބަށް ހިނގައިދާނެއެވެ.   

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026