ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި އިންވެސްޓްމަންޓްތަކުގެ ސަބަބުން ފަހިވެގެންދާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށްޓަކައި، އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހަރަކާތްތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް ދޮގު ވާހަކަތައް ފެތުރުމާއި، އެފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރޭގައި މިފަދަ ކަންކަމުން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ އެހެން ފަރާތްތަކަށް، މިފަދަ ދޮގު ވާހަކަތައް ވެގެންދާނީ "ހިތްގައިމު މިޔުޒިކަކަށް" ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން، ޤަބޫލުކުރަން ދަތިވި ނަމަވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިތަނބަކީ އަދިވެސް ފަތުރުވެރިކަންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީއަކީ އަބަދުވެސް ބަދަލުވަމުން، "އިވޯލްވް" ވަމުންދާ ދާއިރާއެއް ކަމަށެވެ. އަދި އެއީ މި ދާއިރާގެ ހަޤީޤަތް ކަމަށާއި، ނަފުރަތާއި، ދޮގާއި، ހަސަދައިގެ މައްޗަށް މިފަދަ ބޮޑު ސިނާޢަތެއް ބިނާނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނީ އިމުގެ ތެރެއިން ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގައި އަބަދުވެސް ހިނގާނީ ރާއްޖޭގެ ޤާނޫނު ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް މި ޤައުމުގައި ހިންގުމުގެ ފުރުޞަތު ނުދެވޭނެ ކަމަށެވެ. އެހެންކަމުން، ކަންކަމުގެ ޙަޤީޤަތް ބެލުމެއްނެތި، ދޮގު ޚަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް އިޤްތިޞާދީ ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް