ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް

ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.

މިފަދަ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާފައި މި ވަނީ، "ދަ ޕަލްސް" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައެވެ.

މިއަދު މެންދުރު ބްރޯޑްކާސްޓްކުރެވުނު މި ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ދިވެހި އިޤްތިޞާދުގެ މިސްރާބު ބަދަލުކޮށްލާނެ، އަދި ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށެވެ.

މާލެ ސަރަޙައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވާހަކަދެކެވޭކަން ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވާ، އެ މަޝްރޫޢުގެ ޙަޤީޤަތްތައް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޙަޤީޤީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ތުހުމަތުތަކާ ދެމެދު ތަފާތެއްވާކަމުގައެވެ. ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ޒިންމާދާރުކަމާއެކު އޮޅުންފިލުވަން ބޭނުންވާ ކަންކަން ހުރިކަން ޤަބޫލުފުޅުކުރައްވައި، އެއްވެސް ކަމެއް ސިއްރުކުރުމެއްނެތި ސަރުކާރުން ދަނީ ފުރިހަމަ ހާމަކަންބޮޑު ގޮތެއްގައި އެ މަޢުލޫމާތުތައް ފޯރުކޮށްދެމުންކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެހެންނަމަވެސް، ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ކަމަށާއި ދީނީ ކަންކަމާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ މަޢުލޫމާތު ނުލިބޭތީ ދައްކާ ވާހަކަތަކެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ސިޔާސީ ބޭފުޅުން އަޑީގައި ތިއްބަވައިގެން ރާވައިގެން ފަތުރާ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މަޝްރޫޢާ ގުޅޭގޮތުން އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކަ ކަމަށްވާ، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭނެކަމަށް ބުނާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ބޭރު މީހަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށާއި، ބިން ދޫކުރެވޭނީ ހަމައެކަނި ކުއްޔަށް ކަމަށެވެ. އަދި އިޒްރޭލުގެ ރައްޔިތުންނަށް އެތަނުން އެއްވެސް ޕްރޮޕަޓީއެއް ގަތުން ޤާނޫނުން މަނާވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. މީގެ އިތުރުން، ރަސްމާލޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަންކުރާނެ ތަންތަނާއި ސްކޫލްތައް ނުހުންނާނެ ކަމަށާއި، މުޅި ސަރަޙައްދުގައިވެސް ފުރިހަމައަށް ހިނގާނީ ދިވެހި ދައުލަތުގެ ޤާނޫނުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވިއެވެ.

ރަސްމާލެ މަޝްރޫޢުގެ އިޤްތިޞާދީ މަންފާތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫޢާ ގުޅިފައިވާ އެހެނިހެން ކަންކަމާއެކު ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން 14،000 ވަރަކަށް ދާއިމީ ވަޒީފާ އުފެދޭނެ ކަމަށާއި، ތަރައްޤީގެ މަރުޙަލާގައި 54،000 ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތަށް ގެއްލުންވާގޮތަށް ބިން ދޫކުރާކަމަށް ބުނެ، ސިޔާސީ ބޭނުންތަކަށްޓަކައި ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރާ ފަރާތްތަކުގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑިވެލޮޕަރަށް ބިން ދޫކުރަނީ ހިލޭ ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެޑްވާންސްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ އަގުހުރި 5،000 ހައުސިންގ ޔުނިޓް ދައުލަތަށް ލިބޭނެކަމަށާއި، ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޓެކްސް މާފުކުރެވޭ މަޝްރޫޢެއް ނޫންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.

މި މަޝްރޫޢުގެ ހާމަކަން ބޮޑުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫޢާ ގުޅޭގޮތުން ޚާއްޞަ ޤާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، މި ބިލު އާންމުންނަށް ފެންނަން އޮންނާނެ ކަމަށެވެ. ދައުލަތުން އިންވެސްޓްމަންޓެއް ނުކޮށް ހިންގާ މަޝްރޫޢަކާ ގުޅޭ މިހާ ގިނަ ތަފްސީލުތަކެއް މީގެ ކުރިން އެއްވެސް ސަރުކާރަކުން އާންމުކޮށްފައި ނުވާކަމަށާއި، ކޮމިޓީތަކުން މިކަންކަން ދިރާސާކޮށް ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ ބޭނުމެއްގައި، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ވާހަކަދެވުނުނަމަވެސް ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހިންގެ ދީނީ އަދި ޤައުމީ އައިޑެންޓިޓީ ފުރިހަމައަށް ޙިމާޔަތްކުރެވި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.
 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެ
ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެ
މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް )ޖީ.ޖީ.އެސް.ޓީ(، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އަދި އާމްދަނީގެ އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.
ޚަބަރު 21 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި
މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި މި ދަތުރުފުޅުގައި ބާއްވަވާ ބައްދަލުވުން ތަކަކީ މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުންތަކެވެ.
ޚަބަރު 21 Oct 2026
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026