ރައީސް މުއިއްޒު އަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، އެ ޤައުމުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ވަނީ އަސްކަރީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ވެރިންނާ އެކު މަތީ ފެންވަރުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ރައީސް މުޢިއްޒާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ޝަރަފުވެރިކޮށްދެއްވާނެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ ކެބިނެޓް ވަޒީރުންނާއި އިސް ވެރިން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ރަސްމީކޮށް ޤާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް