ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށް، އެއްބަސްވުންތައް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
ޕާކިސްތާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމު ގުޅިގެން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާއި، މިހާރުވެސް ގުޅުން އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމެވެ.
ސޮއިކުރެވުނު 20 އެއްބަސްވުން:
ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން.
ދިވެހިރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާއާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުން.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
ސަޤާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ސްކިލްސް އަދި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
ޓްރެފިކިންގ އަދި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން.
އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން.
ޞިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން.
މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާކުރުމުގެ އެއްބަސްވުން.
ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ވެވުނު އެއްބަސްވުން.
ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ވެވުނު ފުރަތަމަ އެއްބަސްވުން.
ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ވެވުނު ދެވަނަ އެއްބަސްވުން.
ފުލުހުން ތަމްރީނުކުރުމަށް ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާ ދެމެދު ވެވުނު އެއްބަސްވުން.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޓްރޭޑިންގ ކޯޕަރޭޝަން ޕާކިސްތާން (ޓީސީޕީ) އާ ދެމެދު ވެވުނު އެއްބަސްވުން.
މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން އެއްބަސްވުންތައް ބަދަލުކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޑރ. ގީލާ ޢަލީ އަދި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް އަދި ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޠޯހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް