ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ 20 ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށް އެއްބަސްވުންތައް ބަދަލުކޮށްފިއެވެ.
ޕާކިސްތާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމު ގުޅިގެން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާއި، މިހާރުވެސް ގުޅުން އޮތް ދާއިރާތަކުން އެއްބާރުލުން އިތުރަށް ހަރުދަނާކުރުމެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ދެ އެއްބަސްވުމެއް ހިމެނެއެވެ. އެއީ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމަކާއި، ރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާއާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއިން ބޭނުންވާ ޚިދުމަތްތެރިން ގެނައުމާ ގުޅޭގޮތުންނާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ފަތުރުވެރިކަމާއި، ސަޤާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިންވެސް ވަނީ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ.
ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ބަދަލުކުރެވުނު އިތުރު މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ތިމާވެށި، ދަނޑުވެރިކަން، މަސްވެރިކަން އަދި ދިފާޢީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. ހަމައެއާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ސްކިލްސް، އީޖާދާއި އުފެއްދުންތެރިކަން ކުރިއެރުވުމުގެ އިތުރުން ޓްރެފިކިންގ އަދި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން، ދެ ޤައުމުގެ އެކި މުއައްސަސާތަކުގެ މެދުގައިވެސް މުހިންމު ފަހުމުނާމާތަކެއް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން:
ޞިއްޙީ ދާއިރާގެ ރައްކާތެރިކަމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއް.
ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމަށް ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުމެއް.
ފުލުހުން ތަމްރީނުކުރުމުގެ ދާއިރާއިން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާ ދެމެދު އެއްބަސްވުމެއް.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ ފޯރުކޮށްދިނުމާ ގުޅޭގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޓްރޭޑިންގ ކޯޕަރޭޝަން ޕާކިސްތާން (ޓީސީޕީ) އާ ދެމެދު އެއްބަސްވުމެއް.
މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވައި އެއްބަސްވުންތައް ބަދަލުކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޑރ. ގީލާ ޢަލީ އަދި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މީގެ އިތުރުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް އަދި ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޠޯހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް