ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަން އެއްބަސްވެއްޖެ
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މިންވަރު 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތުގައި މިއަދު މެންދުރުފަހު ދެއްވި ބަޔާނުގައެވެ. ބޮޑުވަޒީރު ޝަރީފާއެކު މިއަދު ހެނދުނު ބޭއްވުނު މަޝްވަރާތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި އަދި ނަތީޖާ ނެރެވޭ ގޮތަށް ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުން ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުގެ ޝައުޤުވެރިކަން ހުރި މިންވަރު ހާމަވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތު، ތަޢުލީމު، ތިމާވެށި، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ފުލުހުންގެ ޚިދުމަތާއި ދިފާޢީ ދާއިރާ، ތަމްރީނާއި ޤާބިލުކަން އިތުރުކުރުން އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން މުހިންމު އެތައް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ވާހަކަދެކެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ސޮއިކުރެވުނު ފަހުމުނާމާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އެއްބަސްވުންތަކުގެ މާނައަކީ ނަތީޖާ ނެރުން ކަމަށާއި، އެންމެ މުހިންމު ކަމަކީ މިއިން ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ޙަޤީޤީ މަންފާއާއި ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ފައިދާހުރި ގިނަ ފުރުޞަތުތަކެއް އަދިވެސް ހުޅުވިފައިވާ ކަމަށާއި، އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުމަށް އެއްބަސްވެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވާލަދީ، އައު ޕާޓްނާޝިޕްތައް އުފެއްދުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ކުރެވޭ މަޝްވަރާތަކަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށާއި، ސީދާ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމަށް، ޚާއްޞަކޮށް ޙަލާލް އަދި މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް