ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު އަރުވައިފިއެވެ.
ރައީސް މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ރަސްމީ ބަޔާނުގައެވެ. ބޮޑުވަޒީރަށް ދަޢުވަތު އަރުވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނުން ދެއްވި ހޫނު މެހެމާންދާރީގެ ބަދަލުގައި، ރާއްޖެއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ އުފާ ހޯއްދެވުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވޭތުވެދިޔަ 60 އަހަރުގެ އެކުވެރިކަމުގެ ބިންގަލުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ ގުޅުމުގައި އައު ބާބެއް ފެށުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި މި އައު ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކާއި، ފާގަތިކަމާއި، މަންފާތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މިއަދުގެ މަޝްވަރާތަކަށްފަހު ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ މުސްތަޤްބަލާމެދު އޮތް ޔަޤީންކަން އިތުރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން ދިނުމުގެ އައު ދޮރުތައް ހުޅުވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި ބޮޑުވަޒީރު ޝަރީފަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ އެކުވެރިކަން ކުރިމަގުގައިވެސް ދެމިގެންދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް