ތަޢުލީމާއި، މުޖުތަމަޢުގެ ކުރިއެރުމާއި އިޤްތިޞާދީ ފާގަތިކަން ބިނާވެފައިވަނީ ރަނގަޅު ޞިއްޙަތެއްގެ މައްޗަށް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Jul 2026

ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުމުގެ އިތުރުން، އިޤްތިޞާދީ ފާގަތިކަމުގެ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު އޮތް ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026 (އައި.ޖޭ.ސީ.އެޗް.ޕީ 2026) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިހިނގާ ޖުލައި މަހުގެ 7 އިން 9 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ކޮންފަރެންސްގެ ޝިޢާރަކީ "އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިންގ ދަ ފިއުޗަރ އޮފް ހެލްތްކެއަރ ފޯރ ސަސްޓެއިނަބަލް އިމްޕެކްޓް" އެވެ.

މި ކޮންފަރަންސްގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނާއި، ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންގެ އިތުރުން ބައިނަލްއަޤްވާމީ މެހެމާނުންނާ މުޚާޠަބުކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް، މަރުޙަބާ ވިދާޅުވެފައެވެ. އަދި އެބޭފުޅުންގެ ބައިވެރިވުމުން ރަމްޒުކޮށްދެނީ ޢިލްމާއި، ގުޅިގެން މަސައްކަތްކުރުމާއި އީޖާދީ ގޮތްތަކުގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޮތް ގުޅިފައިވާ ޢަޒުމްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ޚިދުމަތުގެ އަސާސަކީ އިންސާނުންކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައިވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޤައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިޤްތިޞާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ކަމަށްވިޔަސް، ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަންހުރި މިންވަރީ، އެ ޤައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރެއްގެ މައްޗަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓެކްނޮލޮޖީ، ޖީނޮމިކްސް، ރޮބޮޓިކްސް އަދި ޕްރިޑިކްޓިވް އެނަލިޓިކްސް ފަދަ ކަންކަމުގެ ދައުރު ފުޅާވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރެވިގެންދާދިއުމުގައި، ޓެކްނޮލޮޖީގެ ދައުރު އޮތް ކަމުގައިވިޔަސް، އޯގާތެރިކަމަކީ ބަދަލުނުކުރެވޭނެކަމެއްކަން ފާހަގަކުރައްވައި، އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމުގެ ކުލުނު ގެނެސްނުދެވޭނެކަމާއި، ކަންބޮޑުވެފައިވާ މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެކަމެއް ނޫންކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ. ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް އޮންނަ އެއްޗަކަށް ކަމަށާއި، އިންސާނުންނަށް ޚިދުމަތްކުރުމުގައި ހަމައެކަނި ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާ ވެގެން ނުވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް ތަކަށް ވިލުންތެރި ޞިއްޙީ ނިޒާމެއްގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކާއި، އައު ބަލިތައް ފެތުރުމާއި، އާބާދީއަށް އަންނަ ބަދަލުތަކާއި، ޖިއޮގްރަފީ ގޮތުން ރަށްތައް ބެހިފައިވުމަކީ އީޖާދީ އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކަށް ބޭނުންވާ ގޮންޖެހުންތަކެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ތަކުރާރުކުރައްވަމުން، އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޒަމާނީ އުމްރާނީ ތަރައްޤީއަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، ޚާއްޞަ ޚިދުމަތްތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ގުޅުންތަކަށް ސަރުކާރުން މެދުނުކެނޑި ވުނަކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަރުހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވަމުން، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުޙަލާއެއްގައި އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުންކަމަށާއި، ގިނަ ފަހަރަށް ބަލިމީހާގެ ޙާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަ، އަދި އެންމެ ފަހުން އެމީހަކާ ވަކިވެގެންދާ ބަޔަކީވެސް ނަރުހުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންގެ ޚިދުމަތްތެރިކަމާއި އޯގާތެރިކަމަށްޓަކައި އެކަމަނާގެ ވާހަކަފުޅުގައި ވަނީ ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކަނބަލުންގެ ދައުރު ފާހަގަކުރައްވައި، އަންހެނުން އިސް ސަފުގައި ތިބުމުން ޞިއްޙީ ނިޒާމުތައް އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ، އަދި މުޖުތަމަޢުގެ ބޭނުންތަކަށް އިޖާބަދޭ ނިޒާމަކަށް ޞިއްޙީ ނިޒާމު ވެގެންދާކަމަށާއި، ޞިއްޙީ ދާއިރާގެ އިސް ސަފުގައި އަންހެނުންނަށް އެއްބާރުލުން ދިނުމަކީ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، މި ކޮންފަރަންސްގެ ސަބަބުން ބައިވެރިންގެ މަޤްޞަދުތަކަށް އާރޯކަން ލިބި، ގުޅުންތައް ބަދަހިވެ، އައު ޚިޔާލުތަކަށް ހިތްވަރު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެއަށްފަހު، އެކަމަނާ ވަނީ އައި.ޖޭ.ސީ.އެޗް.ޕީ 2026 ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ކޮންފަރަންސް އިންތިޒާމުކުރެއްވި ފަރާތްތަކުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި ފިލާ އެކަމަނާއަށް އެރުވީ ކޯ-ޗެއަރ އަދި އެސޯސިއޭޓް ޕްރޮފެސަރ ފާޠިމަތު ޝިފާޒާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް އެއް އަހަރު؛ ސަރުކާރުގެ ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި
ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް އެއް އަހަރު؛ ސަރުކާރުގެ ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ވަޠަނީ ޚިދުމަތުގެ ކާމިޔާބު ޙަރަކާތް ކުރިއަށް ގެންދިއުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޙައްޤު ޝުކުރު އަދާކުރައްވަމުން، ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު އެއްހާސް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިފައިވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި މި ފާއިތުވެދިޔަ އެއް އަހަރު ވެގެންދިޔައީ، ޒުވާނުންނަށްޓަކައި، ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު 1 އަހަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު 01 Oct 2026
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި ސަރުކާރު ކުންފުންޏެއް މިއަދު އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި ސަރުކާރު ކުންފުންޏެއް މިއަދު އުފައްދަވައިފި
މިއީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ޓަކައި 100 ޕަސެންޓު ސަރުކާރު ހިއްސާވާގޮތަށް އުފައްދަވާފައިވާ ކުންފުންޏެކެވެ.
ޚަބަރު 01 Oct 2026
ރެސިޑެންސީ ޕްރޮގްރާމްގެ އެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ނަޝީދު ގޮވާލައްވައިފި
ރެސިޑެންސީ ޕްރޮގްރާމްގެ އެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ނަޝީދު ގޮވާލައްވައިފި
ރާއްޖޭގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމަކީ އުސޫލީ ގޮތުން ރަނގަޅު ކަމެއް ނަމަވެސް، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޚަބަރު 29 Sep 2026
ރިޒޯޓުތައް 99 އަހަރަށް ދޭން ފާސްކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: ބަންޑާރަނައިބު އުޝާމް
ރިޒޯޓުތައް 99 އަހަރަށް ދޭން ފާސްކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: ބަންޑާރަނައިބު އުޝާމް
ރިޒޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ސަރުކާރުން ޤައުމު ވިއްކާލުމުގައި ބައިވެރިވާ ކަމަށާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށް ވިދާޅުވެ، މިނިސްޓަރ މުއްޠަލިބާއި ބަންޑާރަނައިބު އުޝާމަށް ރައީސް ޔާމީން ދެއްވި އިންޒާރަށް ރައްދު ދެއްވަމުންނެވެ.
ޚަބަރު 29 Sep 2026