ރާއްޖޭގައި ސައިބާ ކުށްތައް 105 އިންސައްތަ އިތުރުވެއްޖެ: އެންމެ ބޮޑު ގޮންޖެހުމަކީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިއާ ސްކޭމް

ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅިފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފައެވެ. މިއަހަރު 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފައެވެ. މީގެ ތެރޭގައި މި މުއްދަތުގެ ކުރިން ހުށަހެޅުނު މައްސަލަތައްވެސް ހިމެނެއެވެ.

ސައިބާ ކްރައިމްގެ މައްސަލަތައް އިތުރުވުން

ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުމެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާ ކަމެވެ.

ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތައް ވަނީ 86 އިން 464 އަށް އިތުރުވެފައެވެ. މިއީ 439 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރެވުނު، އަދި އެންމެ ބޮޑަށް އިތުރުވި ބާވަތެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވެއެވެ. މިއީ 626 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 އިންސައްތަ ވަނީ އިތުރުވެފައެވެ.

ދަށަށް ގޮސްފައިވާ ކުށްތައް

މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވަނީ 16 އިން 4 އަށް މަދުވެފައެވެ. މިއީ 75 އިންސައްތައިގެ ދަށްވުމެކެވެ. އަދި އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް 37 އިން 26 އަށް (29 އިންސައްތަ) ދަށަށް ގޮސްފައިވާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ 65 އިން 63 އަށް ދަށަށް ގޮސްފައެވެ. 

ފަންނީ އެހީތެރިކަމާއި އާންމުން ހޭލުންތެރިކުރުން

ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގެއްލޭ މުދާ އަނބުރާ ހޯދައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި 182 މައްސަލައެއްގައި އާންމު ރައްޔިތުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ހެކްކޮށްފައިވާ ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ ހޯދައިދިނުމުގައި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުށްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުމަކީ މިފަދަ ކުށްތައް ހުއްޓުވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް ފުލުހުން ހިންގި އެކިއެކި އާންމު ހޭލުންތެރިކަމުގެ ސެޝަންތަކުގައި ޖުމުލަ 3،143 ފަރާތަކަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 1,972 ދަރިވަރުނާއި 743  ބެލެނިވެރިނާއި އޮފީސްތަކުގެ 428 މުވައްޒަފުނެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އާންމުންގެ ދައުރު 

ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް ދުވަހުން ދުވަހަށް އަންނަނީ އާ އުކުޅުތަކާއެކު ތަރައްގީވަމުންނެވެ. މިފަދަ ކުށްތައް ހުއްޓުވައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ގާބިލުކަން އިތުރުކޮށް، މެދުކެނޑުމެއްނެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އެހެންނަމަވެސް، ސައިބާ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަމާއި އެކަމަށް ދޭ ސަމާލުކަމެވެ. އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުން ހިމެނެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމަށް ޝައްކުކުރެވިއްޖެނަމަ، ނުވަތަ މިފަދަ އަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީ ކުށްވެރިން ހޯދުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރެވޭނީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026