ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު- ރައީސުލްޖުމްހޫރިއްޔާ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 15 Jun 2026

ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

މި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޖުރައިގެ މަތިވެރި ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެމަނިކުފާނުގެ ޚިޠާބުގައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި، އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމަޢު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަޚުލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ފެށުނު އާ އަހަރަކީ، އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެންކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. މި ޚިޠާބުގައި، ހިޖްރީ އައު އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމުގައި ދެމިތިއްބެވުމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި ފެށުނު ހިޖުރީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން، އަދި ފާގަތި އަހަރެއް ކަމުގައި ލައްވައި، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރައްވައި، ގައުމަށް ކުރިއެރުމާއި ތަނަވަސްކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

މި މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި އެމަނިކުފާނު ވަނީ، މި ފެށޭ އާ އަހަރަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ ދިވެހީންނާ ބައްދަލުކުރާނޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މި މެސެޖުގައި، އިސްލާމްކަމުގެ ނިޢުމަތުގައި މި ދިވެހި ޤައުމު އެތައް ސަތޭކަ އަހަރަކަށް ލެހެއްޓެވީތީ މާތް ﷲ އަށް ޙަމްދުކުރައްވައި، މި އަހަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށްމެ ބަރަކާތާއި ރަޙްމަތުން ފުރިގެންވާ އަހަރަކަށް ވުން އެދި ދުޢާކުރައްވާފައިވެއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި، ނިމިދިޔަ އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ދެއްވި ނިޢުމަތްތަކަށް ޙަމްދާއި ޝުކުރުއަދާކުރައްވައި، މި ފެށޭ އަހަރު، ހެވާއި ލާބައިގައި ދިވެހިން ޝާމިލުކުރެއްވުން އެދިވަޑައިގެން އެކަމަނާ ދުޢާ ކުރައްވާފައިވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލާ ރަސްމީ މަޝްވަރާތައް ބާއްވަވައި، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލާ ރަސްމީ މަޝްވަރާތައް ބާއްވަވައި، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލުން ވަނީ 'އެގްރީމަންޓް އޮން ކޯޕަރޭޝަން ބިޓްވީން ދަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް' ގައި ސޮއިކުރައްވާފައެވެ.
ޚަބަރު 15 Sep 2026
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް)އާރްސީސީ( އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ސިމެންތިޖެހުމާއި ވަށާ ފާރުގެ މަސައްކަތެވެ.
ޚަބަރު 15 Sep 2026
ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ: މިނިސްޓަރ ސަޢީދު
ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ: މިނިސްޓަރ ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
ޚަބަރު 15 Sep 2026
ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް: މިނިސްޓަރ ސަޢީދު
ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް: މިނިސްޓަރ ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެންމެ އަސާސީ ތިން ބާވަތް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ގިނަ އައު އައިޓަމްތަކެއް ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް އެ ތަކެތި ރާއްޖެ ގެނެސް، ހޯލްސޭލަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު 15 Sep 2026