ރާއްޖެއާއި އިންޑިއާގެ އިގްތިސާދީ މުސްތަގުބަލު އޮތީ ފިންޓެކް އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި: ހައިކޮމިޝަނަރު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 10 Jul 2026

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑަށް ބިނާވާނީ މާލީ ޓެކްނޮލޮޖީ (ފިންޓެކް) އާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ލިބޭ ފުރުސަތުތަކުގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ތައްޔާރުކުރާ "ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ބާލަސުބްރަމާނިއަން ވިދާޅުވީ، އިންޑިއާގެ ކުންފުނިތަކުން މިހާރުވެސް ރާއްޖޭގެ އެކި ދާއިރާތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި އިންޑިއާގެ ހިއްސާ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ބާ އަތޮޅުގައި އިންޑިއާގެ ކުންފުންޏަކުން މިހާރުވެސް ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގަމުންދާ ކަމަށާއި، މިއަހަރުގެ ފަހުކޮޅު އިންޑިއާގެ އިތުރު ކުންފުންޏަކުން ރާއްޖޭގައި އައު އިންވެސްޓްމަންޓެއް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި އިންޑިއާގެ ހަޔަކަށް ނުވަތަ ހަތް ކުންފުންޏަކުން މިހާރުވެސް އައު ރިސޯޓުތައް ތަރައްގީކުރަމުންދާކަން ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ އިގްތިސާދީ އެއްބާރުލުމުގެ ދެން އޮތް މަރުހަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބާލަސުބްރަމާނިއަން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފިންޓެކް އަދި ހަކަތައިގެ ދާއިރާއަށް އިސްކަންދެވޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މުސްތަގުބަލު އޮތީ މާލީ ޓެކްނޮލޮޖީގެ ތެރޭގައި. މީގެ ތެރޭގައި ފިންޓެކް، ހަކަތަ ފޯރުކޮށްދިނުން އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނޭ. މިސާލަކަށް، ރާއްޖޭގައި ޔޫޕީއައި (UPI) ފަދަ ފިންޓެކް ނިޒާމުތައް ގާއިމުކުރުމަށް އަޅުގަނޑުމެން ދަނީ ދިވެހި ސަރުކާރާއި ޕޭމަންޓް މޯލްޑިވްސްއާ ގުޅިގެން ގާތުން މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި، އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމުގެ އެއްބަސްވުމެއް (Bilateral Investment Treaty) ފައިނަލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (FTA) ގާއިމުކުރުމުގެ މަޝްވަރާތައް ފެށި، އެކަމުގެ "ޓާމްސް އޮފް ރެފަރެންސް" ގައި މިހާރު ސޮއިކުރެވިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

ބާލަސުބްރަމާނިއަން ވިދާޅުވި ގޮތުގައި، މިހާރުވެސް ސާކްގެ އޮނިގަނޑުގެ ތެރެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އޮތް ނަމަވެސް، އަލަށް މަސައްކަތް ކުރަމުންދަނީ "ސާފްޓާ ޕްލަސް" ފެންވަރުގެ ދޭދޭ އެއްބަސްވުމެއް ގާއިމުކުރުމަށެވެ. މީގެ ސަބަބުން މުދަލާއި ހިދުމަތް އެކްސްޕޯޓް ކުރުމުގައި ދިވެހިންނަށާއި އިންޑިއާ މީހުންނަށް ދިމާވާ ހުރަސްތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އިންޑިއާއަށް އަހަރަކު 300 މިލިއަނާއި 400 މިލިއަން ޑޮލަރާ ދެމެދުގެ ހިދުމަތް ފޯރުކޮށްދޭކަން ފާހަގަކުރައްވައި، ހައިކޮމިޝަނަރު ވިދާޅުވީ މި ދާއިރާ އިތުރަށް ކުރިއެރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ކަނޑުމަސް އިންޑިއާއަށް ޑިއުޓީއާ ނުލައި އެކްސްޕޯޓް ކުރެވޭއިރު، އައު އެއްބަސްވުމާއެކު ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިއަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީ.އޭ.އޭ.2' އިން ސީ.އޭ.އޭ.1' އަށް މަތިކޮށްފި
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީ.އޭ.އޭ.2' އިން ސީ.އޭ.އޭ.1' އަށް މަތިކޮށްފި
މޫޑީސް އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރޭޓިންގއަށް މި ގެނައި ކުރިއެރުމަކީ، ކުރުމުއްދަތުގައި ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް މޫޑީސްއަށް ގަބޫލުކުރެވޭތީ ގެނައި ބަދަލެކެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ރިޒާވް ބޭންކް އޮފް އިންޑިއާއަށް އަދާކުރުމާއި، 2026 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތަކަށް ފައިސާ ދައްކާ ހަލާސްކުރުމުގެ އިތުރުން، އެޕްރީލް 2026 އަށް މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުން ހިމެނެއެވެ.
ޚަބަރު 08 Oct 2026
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ )ހ(އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ޚަބަރު 08 Oct 2026
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ ވަލީދު
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ ވަލީދު
ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން، އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 08 Oct 2026
ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ޒިންމާތައް ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤައުމީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން އެކުލަވާލަންޖެހޭ މި ރިޕޯޓަކީ، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ތައްޔާރުކުރާ ރިޕޯޓެކެވެ.
ޚަބަރު 08 Oct 2026