އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ސަމިޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖެއިން އަހައްމިއްޔަތުކަންދޭ ކަންކަން ކަމުގައިވާ އިންސާފުވެރި ވެރިކަމުގެ ނިޒާމަކަށާއި، މޫސުމީ ވިލުންތެރިކަމަށާއި، އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ.
ޢާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ކުދި ޤައުމުތަކުގެ ސަލާމަތަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް، އެމަނިކުފާނު ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތު ކުރެއްވިއެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން އދ. ގެ ނިޒާމަށް ފުރިހަމަ އިޞްލާޙީ ބަދަލުތަކެއް ގެނައުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ޕްލެނަރީ ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޤުރީރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ، ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމުގައެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ، ފުޅާ ދާއިރާއެއްގައި އަވަހަށް ލިބިދިނުމަށް އިލްތިމާސް ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ޤާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަޙައްދީ އިންތައް އުނިވާންޖެހޭނެ، ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެދިފައިވާ ދައުލަތެއް ނެތިގެން ދާންޖެހޭ ސަބަބެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް އެމަނިކުފާނު ތަޤުރީރު ކުރެއްވިއެވެ. މި ބައްދަލުވުން ތަކުގެ ޒަރީޢާއިން، ޚާރިޖީ ގޮތުންނާއި، އަދި ތަރައްޤީގައި ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކާމިޔާބުކަމާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި ހާމަ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް