އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން، ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން، އިސްރަށްވެހިންނަށް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ މުހިންމު ދާއިރާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، އިސްރަށްވެހިންނަކީ މުޖުތަމަޢުގެ ބިންގާ ކަމަށާއި، ޤައުމަށްޓަކައި އެބޭފުޅުން ވެވަޑައިގެންނެވި ޤުރުބާނީތަކާއި ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ. މީގެއިތުރުން، ދޮށީ އުމުރުގެ މީހުންނަށް އޯގާތެރިވެ، އިޙްތިރާމް ކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވަމުން، އިސްރަށްވެހިންނަށް ޢިއްޒަތާއި، އުފާވެރިކަމާއި، އަދި ރަނގަޅު ނަފްސާނީ ދުޅަހެޔޮކަމާއެކު ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކުރުމަށް މުޅި މުޖުތަމަޢު އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، "އިސްރަށްވެހިންގެ ސައްލާ" ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އިސްރަށްވެހިންގެ ތަޖުރިބާތައް ޙިއްޞާކުރުމަށާއި، އެބޭފުޅުންނަށް ދިމާވާ ނަފްސާނީ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް އެހީތެރިކަން ހޯދުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޙަރަކާތްތަކުގެ ސަބަބުން ދޮށީ އުމުރުގެ ބޭފުޅުންގެ މެދުގައި އެކަނިވެރިކަން ކުޑަވެ، އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބޭއްވި މި ޙަރަކާތުގައި، އުމުރުން ދުވަސްވުމާ ގުޅިގެން ނަފްސާނީ ގޮތުންނާއި ވިސްނުމަށް އަންނަ ބަދަލުތަކާއި، ޑިމެންޝިއާ ފަދަ ބަލިތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، ބައިވެރިންގެ މެދުގައި މުޢާމަލާތް ބަދަހިކުރުމުގެ ސެޝަންތަކާއި ކަސްރަތު ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީގެ އިތުރުން ދާއިރާގެ އިސްވެރިންނާއި ކާށިދޫގެ ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް