ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މީޑިއާއަށް ބަޔާން ދެއްވައިފިއެވެ. ދެ ޤައުމުގެ ލީޑަރުން ބަޔާން ދެއްވާފައިވަނީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މި ދަތުރުފުޅަކީ، އަޚުވަންތަ ދެ ޤައުމުގެ މެދުގައިވާ 58 އަހަރުވީ ބަދަހި ގުޅުން އިތުރަށް ސާބިތުވެގެންދިޔަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ 2025 ވަނަ އަހަރުގެ އެޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ނަތީޖާ ފެނިގެންދިޔަ ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، އދ.، އޯއައިސީ، އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ މައިދާންތައް މެދުވެރިކޮށް، ގަވާއިދުން މަޝްވަރާތައް ކުރިއަށްގެންދެވުމަށް ދެ ޤައުމުގެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.
މީގެ އިތުރުން، ދިފާއީ ދާއިރާއާއި އިސްލާމީ ކަންތައްތަކާބެހޭ ދާއިރާއިން އާ ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައިވެސް ދެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިޤްތިޞާދީ އަދި މާލީ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން، މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޯގްރާމް (އެމްޓީސީޕީ) އަދި ސްކޮލަރޝިޕްތައް މެދުވެރިކޮށް އެޤައުމުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާޝުކުރު އަދާކުރެއްވިއެވެ.
ތަރައްޤީގެ މި ގުޅުންތަކުގެ މައްޗަށް ބިނާކޮށް، ވިސާގެ ލުއިފަސޭހަތައް ހަމަޖެއްސުމާއި، ގުޅިގެން ދިރާސާ ކުރުމާއި، މެލޭޝިއާގައި އުޅޭ ދިވެހިންނަށް ކޮންސިއުލަރ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށާއި، އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އިމާރާތްކުރުމުގެ ދާއިރާ، އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މެލޭޝިއާގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމާއެކު، ފަތުރުވެރިކަމާއި ހަލާލް އިންޑަސްޓްރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސްދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގަތެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނާއެކު ސާބިތުވެ ތިއްބެވިކަން ތަކުރާރުކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކަށް މަރްޙަބާ ވިދާޅުވެފައެވެ. އަދި 31 ވަނަ ކޮންފަރަންސް އޮފް ޕަރޓީޒް (ކޮޕް31) ގައި މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެސް ވަނީ މި ޝުއޫރުތައް ތަކުރާރުކުރައްވައި، އެމަނިކުފާނަށް ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގައި ސާބިތުވެ ހުންނާނެކަން ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕާއި ޙިކުމަތްތެރިކަމަށް އަދި ދިވެހި ސަރުކާރުން ގެންގުޅުއްވާ އުޞޫލީ ނިންމެވުންތަކަށް ތަޢުރީފު ކުރައްވާފައެވެ. އަދި، މެލޭޝިއާ ސަރުކާރުގެ ފަރާތުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ފޯރުކޮށްދިނުމަށާއި، މެލޭޝިއާގެ "ގްރެޖުއޭޓް ޕާސް ސްކީމް" ގައި ދިވެހިރާއްޖެ ހިމެނުމަށް ނިންމެވިކަން ބޮޑުވަޒީރު އިޢުލާނު ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް