ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫޢަށް ހުރަސްއެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް ކުރެއްވި ޕޯސްޓެއްގައި ސުވާލު އުފައްދަވާފައިވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން އެމްޑީޕީން އިސްވެ އޭރު ކުރި މަސައްކަތާއި، މިއަދު ރަސްމާލެ މަޝްރޫޢަށް ހުރަސްއަޅަން ރައީސް ޔާމީން ކުރައްވާ މަސައްކަތާ ދެމެދު ހުރީ ކޮން ތަފާތެއްތޯއެވެ. އަދި އޭރު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި މިއަދު އެ ދައްކަވާ ވާހަކަފުޅުތަކާ ދިމާވަނީ ކިހާވަރަކަށްތޯ ވެސް އެމަނިކުފާނު އެއްސެވިއެވެ.
އަބްދުއްރަޙީމް ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީން ގައުމަށާއި ރައްޔިތުންނަށް ޣައްދާރުވީ ކަމަށް އޭރު ރައީސް ޔާމީން ވިދާޅުވި ނަމަވެސް، މިއަދު ހަމަ އެ ދަހިވެތިކަމުގައި އެމަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާއި ރައްޔިތުންނަށް ނޫންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް އަދި ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް އެނގިވަޑައިނުގަންނަވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ވިސްނުން ތަޞައްރުފު ފުދިފައި ތިބި، ހަރުދަނާ ބައެއްކަން ފާހަގަކުރައްވަމުން އަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންނަކީ ގައުމާމެދު ފުންކޮށް ވިސްނައި، ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް ކަމަށެވެ.
މީގެއިތުރުން، މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅާއެކު ރަސްމާލޭގެ ބިޔަ މަޝްރޫޢު ނުހުއްޓުވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ލަސްތަކެއް ނުވެ މި މަޝްރޫޢު ފެށިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، މުސްތަގުބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަބްދުއްރަޙީމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިއަދު ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި އަދި ތަރައްގީ ކަމަށެވެ. އަދި އެންމެންގެ ވެސް އެންމެ މަތީ ޝިޢާރަކަށް ވާންވާނީ "އެންމެ ފުރަތަމަ ގައުމު" ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް