ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ހ ހަޅަ
ޚަބަރު 09 May 2026

މި އަހަރުގެ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަޑައިގަތުމުން ދެކަނބަލުންނަށް އިސްތިޤުބާލުކުރައްވައި، މަރުޙަބާ ވިދާޅުވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދުއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ޝަރަފުގައި، ސިފައިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ. ޝަރަފުގެ ގާޑުގެ މެހެތަރަކަށް ހުންނެވީ މޭޖަރ މުޙައްމަދު ފަހުދު މުމްތާޒެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޖަލްސާ ބޭއްވި މައިދާނަށް ވަޑައިގެންނެވުމުން، ސިފައިން ވަނީ، އެރައިވަލް ކޯލް ކުޅެ، ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި އެމްއެންޑީއެފްގެ މައިގަނޑު 8 ސަރވިސް ދިދަ މައިދާނަށް ގެނެސްފައެވެ. އަދި ޖަލްސާ ފެށިގެން ދިޔައީ ޤައުމީ ސަލާމް ކިޔުމަށް ފަހުގައެެވެ.

ސިފައިންގެ ދުވަހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ ސިފައިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް ސިފައިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސިފައިންގެ ތެރެއިން 21 ފަރާތަކަށް މެޑެއްޔާއި ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވާފައެވެ. އެގޮތުން، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އަދި ހަށިހެޔޮކަމުގެ ކުލަ ދެއްވާފައިވެއެވެ. އަދި ފާއިތުވި އަހަރު ސިފައިންގެ ތެރެއިން އެންމެ ހަށިހެޔޮ ފިރިހެން އަދި އަންހެން ސިފައިންގެ މީހާއާއި އެންމެ ފިޓް ޔުނިޓް އިޢުލާނުކޮށް އެ ފަރާތްތަކަށް ވަނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

2025ވަނަ އަހަރު، އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހާގެ އެވޯޑް ހާސިލުކޮށްފައި ވަނީ އެމްއެންޑީއެފް މެރިން ކޯރގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓު 3ގެ ސްޓާފް ސާޖަންޓް ޙުސައިން ފަޒީލް ހާރޫނެވެ. އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހާގެ އެވޯޑް ހާސިލުކޮށްފައި ވަނީ އެމްއެންޑީއެފް ސަރވިސް ކޯރ ހެޑްކުއޯޓަރޒްގެ ސާޖަންޓް ފާޠިމަތު އަފްޒާއެވެ. އަދި، އެންމެ ފިޓެސްޓް ޔުނިޓަކީ އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ސިފައިންގެ ޚިދުމަތުގެ ސަރވިސް ކޯރގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް ހުޅުއްވައިދެއްވައި، އިފްތިތާޙުކޮށްދެއްވާފައެވެ. ބ. ކިހާދޫގައި ހިންގާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ މަރުކަޒެކެވެ.

މި ޖަލްސާގައި، ދިވެހިރާއްޖޭގެ އަސްކަރީ ތާރީޚާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓަކާއި، އަދި ވޭތުވެދިޔަ އަހަރު ދިވެހި ސިފައިންގެ އުސްއަލިތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދައްކާފައިވެއެވެ. އަދި، ޖަލްސާއަށް ފަހު އަސްކަރީ ބޭންޑުން ވަނީ ދުވަހާ ގުޅޭ ޚާއްޞަ ލަވައެއް ހުށަހަޅައިދީފައެވެ. "މިއީ ސިފައިންގެ ދަރިއެކޭ" މި ލަވައިގެ ޅެން ހައްދަވާފައިވަނީ އެމްއެންޑީއެފް ސަރވިސް ކޯރގެ ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސްގެ ސާޖަންޓް ޝާފިޢު ޢަބްދުﷲއެވެ. މި ލަވައިގެ މެލޮޑީ އަދި މިޔުޒިކް ހައްދަވާފައިވަނީ އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ވޮރަންޓް އޮފިސަރ1 ފަތުޙުﷲ ޝަކީލް ޙުސައިންނެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ނިމިގެން ދިޔައީ ސިފައިންގެ ލަވަ ކިޔުމަށް ފަހު، މައިދާނުން ދިދަ ގެންދިޔުމަށް ފަހުއެވެ.

މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިންގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި އަދި ގިނަ ޢަދަދެއްގެ އެންލިސްޓެޑް ސިފައިން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ %14 އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޚަބަރު 10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026