9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކުން މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ ހާސިލްކޮށްފިއެވެ.
މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
މި ކުރިއެރުން ތިންވަނަ ކުއާޓަރުގައިވެސް ވަނީ ދަމަހައްޓާފައެވެ. 2026 ގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ 2025 ގެ ތިންވަނަ ކުއާޓަރަށްވުރެ %36 އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިއަން ރުފިޔާ (2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 729.7 މިލިއަން ރުފިޔާ) ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިއަން ރުފިޔާ (2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 355.9 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާއެވެ. ރިޓާން އޮން އިކުއިޓީ ހުރީ %14 ގައެވެ.
ބޭންކުގެ ބެލެންސް ޝީޓްވެސް ވަނީ ފުޅާވެފައެވެ. 30 ސެޕްޓެންބަރު 2026 ގައި ޖުމްލަ އެސެޓްސް ހުރީ 65.6 ބިލިއަން ރުފިޔާގައެވެ. ނެޓް ލޯންސް އެންޑް އެޑްވާންސަސް 32.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 42.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެސެޓް ކޮލިޓީވެސް ރަނގަޅުވެ، ސްޓޭޖް 3 ލޯނު ރޭޝިއޯ ވަނީ 31 ޑިސެމްބަރު 2025 ގައި ހުރި %6.0 އިން 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް %4.8 އަށް ދަށްކުރެވިފައެވެ. އަދި މި މުއްދަތުގައި ޕްރޮވިޝަން ކަވަރޭޖް ވަނީ %100 ގައި ދެމެހެއްޓިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާޙައުލެއްގައި މި ނަތީޖާ ޙާޞިލުކުރެވިފައިވުމަކީ ކުރިއަށްއޮތް ތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ.
މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެކަނިވެސް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް 720 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައިވެއެވެ. އަދި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް 2.86 ބިލިއަން ޑޮލަރުގެ ބޭރުގެ މުއާމަލާތްތައް މިވަނީ ފުރިހަމަކޮށްދީފައެވެ. މިއީ ދިވެހި އިގްތިސާދަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ އެންމެ އަލިގަދަ ހެއްކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް