"ކަސްޓަމްސްއަކީ ހަމައެކަނި އާމްދަނީ ހޯދާ ބޯޑަރު ކޮންޓްރޯލްކުރާ ބައެއް ނޫން، މަސްއޫލިއްޔަތުތައް އެއަށްވުރެ މާފުޅާ"

ހ ހުސައިން އިސްމާއިލް
ޚަބަރު 21 Aug 2026

ކަސްޓަމްސްއަކީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި މީގެކުރިން ދެކެވުނުނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް އެއަށްވުރެ މާފުޅާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

"ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ސަބްގްރޫޕް"ގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސް އުސޫލުތަކާއި ބޯޑަރުގެ ވަސީލަތްތައް ވަނީ ޒަމާނީކޮށްފައި ކަމަށާއި އަދި ސަރަޙައްދީ ވިޔަފާރި ބައްޓަންކުރާނެ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް ދަނީ އިތުރުކުރަމުން ކަމަށެވެ.

ނަމަވެސް، އުމްރާނީ ވަސީލަތްތަކުން އެކަނި ގުޅުންތެރިކަމެއް އުފެއްދިދާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ، ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާއެއް ނުނެގޭނެކަން ފާހަގަކުރައްވާފައެވެ.

އަދި ވަކިވެގަނެގެން ހިންގާނަމަ، ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ފުރިހަމަ ފައިދާއެއް ނުލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގައުމީ ބޯޑަރެއް ހުރަސްކުރާއިރު މަޢުލޫމާތު ހުއްޓޭނަމަ، ސަރަޙައްދީ އިގްތިސާދީ ކޯރިޑޯއަކަށް އެދެވޭ ގޮތެއްގައި މަސައްކަތެއް ނުކުރެވޭނެ. އެހެންކަމުން، ސަރަޙައްދީ ގުޅުންތެރިކަމުގެ ދެން އޮތް މަރުޙަލާއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތައް ގުޅުވާލުމެއް ނޫން. އަޅުގަނޑުމެންގެ ނިޒާމުތަކާއި، މަޢުލޫމާތާއި، އަދި މުއައްސަސާތައްވެސް ގުޅުވާލުން. މިއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ އިގްތިސާދީ އަމާޒުތަކުގެ މަރުކަޒުގައި ކަސްޓަމްސް އިދާރާތައް ވާކަން. އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގަ. ނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ. ވަޒީރު އިޙްސާން

ކަސްޓަމްސް އިދާރާތަކުން އެއްފަހަރާ ޤާނޫނީ ވިޔަފާރިއަށް މަގުފަހިކޮށްދީ، ގައުމީ އާމްދަނީ ރައްކާތެރިކޮށް، ޣައިރުގާނޫނީ ވިޔަފާރި ހުއްޓުވައި، ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އަދި މުދާ އަވަހަށް އުފުލުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އަމާޒުތަކަށް އެކުގައި ވާސިލުވުމަށް ޓެކްނޮލޮޖީގެ ސަބަބުން އަސާސީ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޑިޖިޓަލް ކަސްޓަމްސް ނިޒާމުތައް، ނޭޝަނަލް ސިންގަލް ވިންޑޯ، އިލެކްޓްރޯނިކް ލިޔެކިޔުންތައް، އެޑްވާންސް އިންފޮމޭޝަން، އޮޓޯމޭޓެޑް ރިސްކް މެނޭޖްމަންޓް އަދި ޑޭޓާ އެނަލިޓިކްސްގެ ސަބަބުން ބޯޑަރު ހުރަސްކޮށް މުދާ އުފުލާ އުސޫލަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް ޑިޖިޓަލައިޒްވުމަކީ ހަމައެކަނި ކަރުދާސް ފޯމުތައް އިލެކްޓްރޯނިކް ފޯމުތަކަށް ބަދަލުކުރުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ އުސޫލުތައް އަލުން ބައްޓަންކުރުމާއި، ބޭނުންނެތް އިޖުރާއަތްތައް އުވާލުމާއި، ސަރުކާރުގެ އިދާރާތައް ގުޅުވާލުމާއި، އަދި މުދާ އައުމުގެ ކުރިން މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހެދުން. ވަޒީރު އިޙްސާން

ވަޒީރު ވަނީ ދިވެހި ސަރުކާރާއި ދިވެހިރައްޔިތުންގެ ނަމުގައި، އެންމެހައި ޢިއްޒަތްތެރި މަންދޫބުންނަށް، ޚާއްޞަކޮށް ސަސެކް ސަރަޙައްދުގެ އެކި ގައުމުތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ބައްދަލުވުމަކީ ޤާނޫނީ ވިޔަފާރި ފަސޭހަކޮށްދިނުމާއި، އަޅުގަނޑުމެންގެ ބޯޑަރުތައް ރައްކާތެރިކުރުމާއި، އަދި އިގްތިސާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްގަލަކަށް އަރުވައިދޭ ބައްދަލުވުމެކެވެ.

މި މަހުގެ 19 އިން 20ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ބަންގްލަދޭޝް، ބޫޓާން، ނޭޕާލްގެ އިތުރުން އިންޑިއާ އަސި ސްރީލަންކާއިން ބައިވެރިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް އެއް އަހަރު؛ ސަރުކާރުގެ ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި
ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް އެއް އަހަރު؛ ސަރުކާރުގެ ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ވަޠަނީ ޚިދުމަތުގެ ކާމިޔާބު ޙަރަކާތް ކުރިއަށް ގެންދިއުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޙައްޤު ޝުކުރު އަދާކުރައްވަމުން، ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު އެއްހާސް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިފައިވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި މި ފާއިތުވެދިޔަ އެއް އަހަރު ވެގެންދިޔައީ، ޒުވާނުންނަށްޓަކައި، ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު 1 އަހަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު 01 Oct 2026
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި ސަރުކާރު ކުންފުންޏެއް މިއަދު އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި ސަރުކާރު ކުންފުންޏެއް މިއަދު އުފައްދަވައިފި
މިއީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ޓަކައި 100 ޕަސެންޓު ސަރުކާރު ހިއްސާވާގޮތަށް އުފައްދަވާފައިވާ ކުންފުންޏެކެވެ.
ޚަބަރު 01 Oct 2026
ރެސިޑެންސީ ޕްރޮގްރާމްގެ އެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ނަޝީދު ގޮވާލައްވައިފި
ރެސިޑެންސީ ޕްރޮގްރާމްގެ އެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ނަޝީދު ގޮވާލައްވައިފި
ރާއްޖޭގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމަކީ އުސޫލީ ގޮތުން ރަނގަޅު ކަމެއް ނަމަވެސް، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޚަބަރު 29 Sep 2026
ރިޒޯޓުތައް 99 އަހަރަށް ދޭން ފާސްކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: ބަންޑާރަނައިބު އުޝާމް
ރިޒޯޓުތައް 99 އަހަރަށް ދޭން ފާސްކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: ބަންޑާރަނައިބު އުޝާމް
ރިޒޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ސަރުކާރުން ޤައުމު ވިއްކާލުމުގައި ބައިވެރިވާ ކަމަށާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށް ވިދާޅުވެ، މިނިސްޓަރ މުއްޠަލިބާއި ބަންޑާރަނައިބު އުޝާމަށް ރައީސް ޔާމީން ދެއްވި އިންޒާރަށް ރައްދު ދެއްވަމުންނެވެ.
ޚަބަރު 29 Sep 2026