ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އަލްމަރްޙޫމް ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢަލީ ޒުބައިރުއަކީ ނުހަނު މުރާލިކަމާއި އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރެއްވި ނަމޫނާ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލްގައި ޢަލީ ޒުބައިރުއާއެކު މަސައްކަތް ކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވަމުން، އޭނާއަކީ ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮ މަޝްވަރާއާއި އެއްބާރުލުން ދެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަލްމަރްޙޫމް ޢަލީ ޒުބައިރަކީ ދިވެހި ދައުލަތުގެ އެކި މަރުޙަލާތަކުގައި ޖުމްލަ 43 އަހަރާއި 11 މަސް ދުވަހުގެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް މާލޭ ސިޓީގެ މުނިސިޕަލް މަސައްކަތްތަކުގައި އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މި ހިތާމަވެރި ވަގުތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ޢާއިލާއަށާއި، މާލޭ ސިޓީގެ ރައްޔިތުންނަށާއި، މާލޭ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މާތްﷲ މަރްޙޫމް ޢަލީ ޒުބައިރުގެ ފުރާނައަށް ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް