ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިތުބާރުހުރި ސިއްޙީ ނިޒާމެއް ބިނާކުރުމުގެ އަސާސް: މެޑަމް ސާޖިދާ
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަރުދަނާ އަދި އިތުބާރު ހިފޭ ސިއްޙީ ނިޒާމެއް ބިނާކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ދާއިރާގައި އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް (އެންސީޑީސް) ކަމަށްވާއިރު، މި އަހަރުގެ ޝިޢާރު ކަމަށްވާ "ގައިންގަޔަށް ނާރާ ބަލިތަކަށް ރައްކާތެރި ފަރުވާ" އިން ދައްކުވައިދެނީ ބަލިތަކުން ރައްކާތެރިވުމާއި، ފަރުވާ ދިނުމާއި އަދި ދިގުމުއްދަތަކަށް ބަލި މެނޭޖްކުރުމުގައި ރައްކާތެރި، އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކުރުމުގެ މުހިންމުކަން ކަމަށެވެ.
މީގެއިތުރުން، ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށްޓަކައި ނުހަނު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ގައިންގަޔަށް ނާރާ ބަލިތަކާއެކު ދިރިއުޅުމަކީ މުޅި އުމުރަށް ކުރިމަތިލާންޖެހޭ ކަމެއް ކަމަށްވާއިރު، އެފަދަ ބަލިމީހުންނަށް ކޮންމެ މަރުޙަލާއެއްގައިވެސް ރައްކާތެރިކަމާއި، އަޑުއެހުމާއި އަދި އެހީތެރިކަން ލިބެންޖެހޭ ކަމަށެވެ.
އެހެންކަމުން، ސިއްޙީ ދާއިރާގެ ޚިދުމަތްތެރިން ބާރުވެރިކުރުވައި، އެންމެންނަށް ރައްކާތެރި، ފެންވަރު ރަނގަޅު އަދި ބަލިމީހާއަށް އިސްކަންދޭ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ބަލިމީހުންގެ ރައްކާތެރިކަމަކީ ސިއްޙީ ޚިދުމަތުގެ އެންމެ މައިގަނޑު އަސާސް ކަމުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް