ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:55 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވި 5 މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެގޮތުން އަނިޔާވި މީހުންގެ ތެރެއިން 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލޭގެ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނިޔާވި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް