ކުޑަކުދީންނަކީ އަގުހުރި އަމާނާތެއް، އެ ކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފި
ކުޑަކުދީންނަކީ މާތް ﷲ ދެއްވާފައިވާ އަގުހުރި އަމާނާތަކަށް ވާއިރު، އެ ކުދީންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށް، އަޅައިލުމާއި އޯގާތެރިކަން ދިނުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުޅި މުޖުތަމަޢަށް ގޮވާލައިފިއެވެ.
"ކުޑަކުދީންގެ ޙައްޤުތައް" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ، ފާއިތުވި ހަފުތާގެ ތެރޭގައި އެކްސިޑެންޓެއްގައްޔާއި ޢިމާރާތެއްގެ މަތީން ވެއްޓި ދެ ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލައި، ކުޑަކުދީންނަށް އިހުމާލުނުވުމުގެ މުހިންމުކަން ހަނދާންކޮށްދީފައެވެ. އަދި ބައިނަލްއަޤްވާމީ މުޢާހަދާތައް ވުޖޫދަށް އައުމުގެ މާކުރީން، އިސްލާމީ ޝަރީޢަތުގައި ކުޑަކުދީންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދީފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ކުޑަކުއްޖަކު ދުނިޔެއަށް އުފަންވުމާއެކު ރިވެތި ނަމެއް ކިޔައިދިނުމާއި، އަނިޔާވެރިކަމާއި ތަފާތުކުރުންތަކާއި ގަނާކުރުން ފަދަ ނޭދެވޭ ޢަމަލުތަކުން އެ ކުދީން ދުރުހެލިކުރުމަކީ ކޮންމެ މައިންބަފައިން އަދި މުޖުތަމަޢެއްގެ ވާޖިބެއްކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. ހަމައެއާއެކު، ކުދީންގެ އުމުރުން ހަތް އަހަރު ފުރުމުން ނަމާދުކުރުމަށް އަމުރުކުރުމާއި، ދީނީ ރިވެތި ތަރުބިއްޔަތާއި އަޚުލާޤުގެ މަތީގައި ކުދީން ބޮޑެތިކުރުމަކީ ރޫޙާނީ ގޮތުން ކުދީން ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ޙަދީޘްފުޅުތަކުގެ އަލީގައި ހަނދާންކޮށްދިނެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ކުޑަކުދީންނަށް އަޅައިލުމާއި އޯގާތެރިކަން ދިނުމުގެ ބަދަލުގައި އެ ކުދީންނަށް އިހުމާލުވެ، ލާއިންސާނީ އަނިޔާތައް ދޭ ފަރާތްތަކާ މެދު، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅައި، ޙައްޤު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް