ހިމާލަޔާގައި ހިނގި ބިޔަ ފެންބޮޑުވުމުގައި ނޭޕާލާއި ތިބެޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، 270 މަރު، 1300 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ
ހިމާލަޔާ ފަރުބަދަތަކުގެ މަތިން ގަނޑުފެނާއި ހިލަ އަދި ވެލިގަނޑު ބޮޑު ތޮށިގަނޑެއްހެން ވެއްޓި، ނޭޕާލާއި ޗައިނާގެ ތިބެޓަށް ނިސްބަތްވާ ސަރަހައްދުތަކަށް ބިޔަ ފެންބޮޑުވުމެއް ކުރިމަތިވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ބިޔަ ކާރިސާ ފެށިގެން ދިޔައީ 26 އޮގަސްޓް 2026 ވީ ބުދަ ދުވަހު، ނޭޕާލާއި ޗައިނާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިންނެވެ. ހިމާލަޔާ ފަރުބަދަތަކުގެ ހަރުފަތްތަކުން ގަނޑުފެނާއި ހިލަ އަދި ވެލި ބޮޑު ތޮށިގަނޑެއްހެން ވެއްޓި، ފަރުބަދަތަކުގެ ތެރެއިން ދެމިގެންދާ ކޯރުތަކަށް ބިޔަ ތޮށިގަނޑެއް ވަދެ، ވާދީތަކުގެ ތިރިއަށް ހަލުވި ބާރުމިނެއްގައި ފެން ބަންޑުންވެ ދިޔައެވެ. ސައިންސްވެރިންނާއި ކަމާ ބެހޭ ފަރާތްތަކުން ފުރަތަމަ ބެލީ ބިންހެލުމެއް ކުރިމަތިވީ ކަމަށެވެ. ނަމަވެސް ފަހުން ހެދި ތަހުލީލުތަކުން ހާމަވީ، ގަނޑުފެނާއި ހިލަ ވެއްޓި ދިޔަ ބިޔަ ތޮށިގަނޑެއް ކޯރަށް ވަދެ ހިނގި ކާރިސާއެއް ކަމެވެ.
ނޭޕާލްގެ ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، ނޭޕާލް ތެރެއިން އެކަނިވެސް ގާތްގަނޑަކަށް 270 ހަށިގަނޑު ހޯދިފައިވެއެވެ. ތިތިބެޓްގައިވެސް އެތައް ފުރާނައެއް ގެއްލިފައިވާ ކަމަށް ޗައިނާ ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ. ދެ ސަރަހައްދު ހިމެނިގެން 1300 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފަހަކަށް އައިސް ހިމާލަޔާ ސަރަހައްދުގައި ހިނގި ކާރިސާތަކުގެ ތެރެއިން، ގިނަ ފުރާނަ ގެއްލިދިޔަ ކާރިސާތަކުގެ ތެރޭގައި މި ހާދިސާ ހިމެނޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ނޭޕާލްގެ އުތުރު ހިސާބު، ހާއްސަ ގޮތެއްގައި ހިމާލަޔާ ސަރަހައްދީ ޑިސްޓްރިކްޓްތަކާއި ކޯރު ވާދީތަކާ ގުޅިފައިވާ ތިރީ ހިސާބުތަކަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑެވެ. ގިނަ ގެތަކާއި ވެހިކަލްތަކާއި އިމާރާތްތައް ވަނީ ހިލަ ވެލީގެ ދަށުވެ ނުވަތަ ފެނާ ވެސް ގެންގޮސްފައެވެ. ތިރީހަކަށް ކިލޯ މީޓަރަށްވުރެ ދިގު ހިސާބެއްގެ މަގުތައް ހަލާކުވެ، ގާތްގަނޑަކަށް 19 ބްރިޖް ވެއްޓި، ހިދުމަތްތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވެއެވެ. ހައިޑްރޯ ޕަވަރ ފެސިލިޓީތަކާއި ސަރަހައްދީ ރޮނގު ކައިރީ ހުރި ވަސީލަތްތަކަށްވެސް ގެއްލުން ލިބިފައިވެއެވެ.
ކާރިސާ ހިނގި ސަރަހައްދަކީ މުހިންމު ޓްރެކިން މަގުތަކާއި، ތިބެޓްގައިވާ މައުންޓް ކައިލާޝްއަށް ދަތުރުކުރާ ހައްޖުވެރިންނާއި ދީނީ ދަތުރުވެރިން ގިނައިން ދަތުރުކުރާ ސަރަހައްދެކެވެ. ކައިލާޝް ފަރުބަދައަކީ ތަފާތު ދީންތަކަށް ނިސްބަތްވާ ގިނަ ބަޔަކަށް ވަރަށް ބޮޑު ދީނީ މާތްކަމެއް ލިބިފައިވާ ތަނެކެވެ. ނޭޕާލް ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި، ގެއްލިފައިވާ މީހުންގެ ތެރޭގައި އިންޑިއާ، އެމެރިކާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގިނަ ގައުމުތަކަށް ނިސްބަތްވާ ބިދޭސީ ދަތުރުވެރިންނާއި ހައްޖުވެރިން ހިމެނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ ބަޔަކު، ފެންބޮޑުވި ވަގުތު މި ސަރަހައްދުގައި ތިބި އެމީހުންގެ ލޮލުގެ ކޮއި ފަދަ ތިމާގެ މީހުންގެ ހަބަރެއް ނުލިބި ކަންބޮޑުވުމާ ހިތާމައިގައި ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޭޕާލްގެ އަސްކަރިއްޔާއާއި ފުލުހުން އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ޓީމުތައް ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ވަނީ ފޮނުވާފައެވެ. ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިސޯރުވެފައިވާ ސަރަހައްދުތަކުން 100 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް، ކާނާ، ފޭލިގެ އަދި ކުއްލި ފަރުވާގެ ސާމާނު ފޯރުކޮށްދީފައިވެއެވެ. ޒަހަމްވި ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ކަތުމަންޑޫއަށް ގެންދެވިފައިވެއެވެ. ނަމަވެސް ބްރިޖްތަކާއި މަގުތައް ހަލާކުވެ، މުވާސަލާތީ ނިޒާމަށް ބުރޫ އަރައި، ފަރުބަދަ ސަރަހައްދުގެ ހިތްދަތި ތިމާވެށީގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
ކަމާ ބެހޭ ފަރާތްތަކުން ވަނީ އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ. ފެންބޮޑުވި ތޮށިގަނޑުގެ ސަބަބުން ކޯރުގެ ދިމާ ބަދަލުވެ، ކޯރުގެ ތިރިން ހިލަ ވެލީގެ ތޮށިގަނޑެއް ހެދި ފެން ހިފެހެއްޓިފައިވާ ކަމަށާއި، އެ ތޮށިގަނޑު ފަޅައިގެން ގޮސް ކުއްލިއަކަށް ފެން ބޭރުވެ، ދެވަނަ ފެންބޮޑުވުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ކަމާ ބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ޗައިނާ ސަރުކާރުން ވެސް ވަނީ މިފަދަ ތޮށިގަނޑުތަކާ ގުޅިގެން ހުރި ނުރައްކަލާ ބެހޭ ގޮތުން ރައްޔިތުން ސަމާލުވުމަށް ގޮވާލާފައެވެ.
ބައިނަލްއަގްވާމީ ފަރާތްތަކާއި އިންސާނީ އެހީގެ ޖަމާއަތްތަކުން ވަނީ ނޭޕާލަށް ކުއްލި އެހީ ފޯރުކޮށްދިނުމަށް ތައްޔާރުވެ، ތާއީދާއި ހަމްދަރުދީ ފާޅުކުރަމުންދާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. ނަމަވެސް ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެންމެ ބޮޑަށް ބޭނުންވަނީ ގެއްލިފައިވާ ތިމާގެ މީހުންގެ ހަބަރު ލިބުމާއި، ބޭސްފަރުވާ، ކާނާ އަދި ހިޔާ ލިބޭނެ ތަނެއް ކަށަވަރުވުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
މި ކާރިސާ ހިމާލަޔާ ސަރަހައްދުގެ ނާޒުކު ތިމާވެށީގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް އަލުން ފެންމަތިކޮށްދީފައިވެއެވެ. ސައިންސްވެރިން ވިދާޅުވާ ގޮތުގައި، ދުނިޔޭގެ ހޫނުމިން މަތިވަމުންދިއުމުގެ ސަބަބުން ހިންދޫ ކުޝް ހިމާލަޔާ ސަރަހައްދުގެ ގަނޑުފެނުގެ ތޮށިތައް ދިރި ފިލަމުންދާ ކަމަށާއި، ގަނޑުފެނުގެ ލޭކްތަކާއި ފަރުބަދަ ތޮށިތަކުގެ ހަލަބޮލިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވަނީ، މި ހާދިސާގައި ތިމާވެށީގެ ބަދަލުތައް ކުޅެފައިވާ ދައުރު ކަށަވަރުކުރުމަށް އިތުރު ތަހުލީލު ބޭނުންވާ ކަމަށެވެ.
ނޭޕާލާއި ތިބެޓްގައި ސަލާމަތްކުރުމުގެ ބިޔަ އޮޕަރޭޝަން ހިނގަމުންދާ ވަގުތު، ކާރިސާގެ ފުރިހަމަ ހަގީގަތް އަދިވެސް ހާމަވަމުންދެއެވެ. އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ ހާލު، ބައެއް ސަރަހައްދުތަކަށް ސަލާމަތްކުރާ ޓީމުތައް ވަދެވިފައި ނުވާތީ، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު ކަމާ ބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ދިރިތިބި ފަރާތްތައް ހޯދުމާއި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެންމެ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް