ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ ފަތުރާ ދޮގު ޚަބަރުތަކުގެ ސަބަބުން އިގްތިސާދަށް ނުރައްކާވެދާނެ: ބީއެމްއެލްގެ ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެމެރިކާ ޑޮލަރު ނެތް ކަމަށް ބުނެ ފަތުރާ ދޮގު ވާހަކަތަކުގެ ސަބަބުން ގައުމީ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޒުވާން ވިޔަފާރިވެރިންގެ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލް އަކީ ދިވެހި އިގްތިސާދާ ވަރަށް ބޮޑަށް ލާމެހިފައިވާ މުއައްސަސާއެއް ކަމަށެވެ. އެހެންކަމުން، ބޭންކާ މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ބޭންކަށާއި މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ސޯޝަލް މީޑިއާގައި ފަތުރަމުންދާ ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، ބޭންކުގައި ޑޮލަރު ނެތް ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ނެތް ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމަކީ ފައިސާ އިސްރާފު ކުރުން ކަމަށާއި، ބޭންކުން ހައުސިން މަޝްރޫއުތަކުގައި ބައިވެރިވެގެން ނުވާނެ ކަމަށް ބުނެ ފަތުރާ ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ ފަތުރާ ވާހަކަތަކުގެ ސަބަބުން، ބާޒާރުގައި ޑޮލަރު މަދު ކަމުގެ ދޮގު ތަސައްވުރެއް އުފެދި، ބްލެކް މާކެޓުގައި ޑޮލަރުގެ ޑިމާންޑް މަތިވެގެންދެއެވެ. އެހެންކަމުން، ބޭންކުގެ އަގު ވައްޓާލުމަށް އެފަދަ ހަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. ބޭންކުގެ ނިންމުންތަކަކީ ބައިނަލްއަގުވާމީ ރިސްކް މެނޭޖްމަންޓް މިންގަނޑުތަކާއި، ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކުގެ ދަށުން، ރެގިއުލޭޓަރީ އިދާރާތަކާއި އެކްސްޓަރނަލް އޮޑިޓަރުންގެ ބެލުމުގެ ދަށުން ނިންމާ ނިންމުންތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް ބައްލަވާލައްވަމުން ސީއީއޯ ވިދާޅުވީ، 2021 ވަނަ އަހަރު ބޭންކުން މަހަކު އެވްރެޖްކޮށް ވިއްކާފައިވަނީ 21 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ބޭންކުގެ ތާރީޚުގައި ވެސް ކަސްޓަމަރުންނަށް އެންމެ ގިނައިން ޑޮލަރު ވިއްކި ދުވަސްވަރު ކަމަށާއި، މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓީޓީ، ތަޢުލީމް، ބޭސްފަރުވާ އަދި ދަތުރުފަތުރަށް ދޫކުރި ޑޮލަރު ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ބޭންކަށް ލިބޭ ޑޮލަރަށްވުރެ ވިއްކަންޖެހޭ ޑޮލަރުގެ މިންވަރު އިތުރުވަމުންދާތީ، ބޭރު ފައިސާ މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ޝަރީފް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އީ-ކޮމާސް މުއާމަލާތްތަކަށް އޮންނަ ޑިމާންޑް ބޮޑުވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި އޭޓީއެމްއާއި ބްރާންޗްތައް އިތުރުކުރުމާ ގުޅޭގޮތުން ކުރެވޭ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، އެއީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ކުރާ ކަމެއް ކަމަށެވެ. މާލެއެކޭ އެއްފަދައިން ރަށްރަށުގެ ރައްޔިތުންނަށް ވެސް ބޭންކިންގ ޚިދުމަތް ލިބެންޖެހޭނެ ކަމަށާއި، އެއީ އިސްރާފެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި އޮތް ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ ގައުމީ އިގްތިސާދު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026