ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި
ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަޝްރޫޢުތައް ހިންގާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް، ފަސް އިންސައްތައިން ދިހަ އިންސައްތައަށް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މުޅި ކޮމިޓީން މި ބިލު ދިރާސާކުރުމަށްފަހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ. ސަރުކާރުގެ ފަރާތުން މި އިސްލާޙު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. މީގެކުރިން މި ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި 64 މެންބަރުން ބިލު ބަލައިގަތުމަށް ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކާ ވާދަކުރާ ދިވެހި ވިޔަފާރިތަކަށް ހަމަހަމަ އަދި ވާދަވެރި މާޙައުލެއް ޤާއިމުކޮށްދިނުމެވެ. މި އިސްލާޙުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން މިހާރު ނަގަމުން އަންނަ ފަސް އިންސައްތައިގެ ވިތުހޯލްޑިންގ ޓެކްސް ދިހަ އިންސައްތައަށް އިތުރުވެގެންދާނެއެވެ.
މީގެއިތުރުން، ރާއްޖޭގައި ޤާއިމުވެފައިވާ ތަނެއް (ޕާމަނަންޓް އެސްޓަބްލިޝްމަންޓް) މެދުވެރިކޮށް ރާއްޖޭގައި ވަޒަންވެރިނޫން ފަރާތްތަކުން ހޯދާ އާމްދަނީއާ ގުޅޭ އުސޫލުތަކެއްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، މިފަދަ އާމްދަނީއަކުން އުނިކުރާ ވިތުހޯލްޑިންގ ޓެކުހަކީ އެ އާމްދަނީއަށް ދައްކަންޖެހޭ ޖުމްލަ ޓެކްސް ކަމުގައި ބެލުމުގެ އިޚްތިޔާރު ވިތުހޯލްޑިންގ އޭޖެންޓަށް ލިބިގެންވެއެވެ. އަދި މި އިޚްތިޔާރު ބޭނުންކޮށްފިނަމަ، އެ ފައިސާއާ ގުޅޭގޮތުން ޓެކްސް ދައްކަންޖެހޭ އާމްދަނީ ހިސާބުކުރާއިރު އިތުރު އެއްވެސް ޚަރަދެއް އުންޏެއް ނުކުރެވޭނެއެވެ.
ވިތުހޯލްޑިންގ ޓެކްސްއަކީ ޚިދުމަތް ލިބިގަންނަ ފަރާތުން ފައިސާ ދޫކުރުމުގެ ކުރިން އުނިކޮށް، ދަޢުލަތުގެ ޓެކްސް އިދާރާއަށް ދައްކަންޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް އާންމުކޮށް ނަގަނީ ރާއްޖޭގައި ވަޒަންވެރިނޫން ފަރާތްތަކުން ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުން ލިބޭ އާމްދަނީންނެވެ.
މި ގެނެވުނު އިސްލާޙާއެކު، ދަޢުލަތަށް ލިބޭ އާމްދަނީ އިތުރުވެ، އަހަރަކު އެވްރެޖްކޮށް 251 މިލިއަން ރުފިޔާ ދަޢުލަތުގެ ބަޖެޓަށް އިތުރަށް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް