ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ މާލީ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އެއްބާރުލުން ދިނުމުގެ އިތުރުން، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި އުނދަގޫ ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގުނު ޚާއްޞަ ޕްރޮގްރާމެކެވެ. މީގެއިތުރުން، އެފަދަ ފަރާތްތައް އަލުން މުޖުތަމަޢަށް ނެރެ އަހުލުވެރިކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ބޮޑު އިސްކަމެއް ދީފައެވެ.
އެމްއެންއޭ އިން ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން، ޢަމަލީ ތަމްރީނު ސެޝަންތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާފައިވާއިރު، މި ހަރަކާތްތަކުގެ ޒަރީއާއިން ހުޅުމާލޭގައި ދިރިއުޅޭ ސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ސީދާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބީއެމްއެލް "ބޭންކް ފަންޑު" ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢަށް ފައިދާހުރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ މިފަދަ މުހިންމު އިޖުތިމާޢީ މަޝްރޫޢުތަކަށް އެ ބޭންކުން އަބަދުވެސް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމަޢު ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް